ގުދުރަތީ ކާރިސާތަކުން އެއާޕޯޓުތައް ރައްކާތެރިކުރުމާ ބެހޭ ޕްލޭނެއް އެކުލަވާލަނީ

ރާއްޖޭގެ އެއާޕޯޓުތައް ގުދުރަތީ ކާރިސާތަކުން ރައްކާތެރިކުރުމަށް ބާއްބާ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ: އެމްއޭސީއެލް

ގުދުރަތީ ކާރިސާތަކުން ރާއްޖޭގެ އެއާޕޯޓުތައް ރައްކާތެރިކުރުމާ ބެހޭ ޕްލޭނެއް އެކުލަވާލަން ނިންމައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މައުލޫމާތު ދިން ގޮތުގައި އެ ޕްލޭން އެކުލަވާލަނީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ކުރިއަށްގެންދާ 'ގެޓް އެއާޕޯޓްސް ރެޑީ ފޯ ޑިޒާސްޓާ' ޕްރޮގްރާމުގެ ދަށުންނެވެ.

އެޕްރޮގްރާމަކީ ޑީއެޗްއެލް ގްރޫޕާއި ޔޫއެންޑީޕީގެ އެހީގައި ރާއްޖޭގެ ކަމާ ބެހޭ ފަރާތްތައް ގުޅިގެން އެފަދަ ކާރިސާތަކުން ރައްކާތެރިވުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ. އެމްއޭސީއެލްގެ އިތުރުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރާއި ސަރުކާރުގެ އޮފިޝަލުންނާއި އެމްއެންޑީއެފްގެ އޮފިޝަލުންގެ އިތުރުން ރާއްޖޭގައި ހަރަކާތްތެރިވާ އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުން މި ޕްރޮގްރާމުގައި ބައިވެރިވެއެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބާއްވާ އެ ޕްރޮގްރާމުގައި ސަރުކާރުގެ އޮފިޝަލުންނާއި ރާއްޖޭގެ އެއާޕޯޓު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ޖުންލަ 35 ފަރާތެއް ބައިވެރިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ވޯކްޝޮޕްގެ މުއްދަތުގައި، އެއާޕޯޓުތަކުގައި މިހާރު ހުރި ސަލާމަތީ ވަސީލަތްތަކުގެ މިންވަރު ބަލައި، ޓްރޭނިން ސެޝަންތަކެއް ބާއްވައި ފާހަގަކުރެވޭ ދާއިރާތައް އިތުރަށް ތަރައްގީ ކުރުމުގެ އިތުރުން މުސްތަގުބަލުގައި ދިމާވެދާނެ ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ޕްލޭނެއް އެކުލަވާލަން ވަނީ ހަމަޖައްސާފައެވެ.

ގުދުރަތީ ކާރިސާގެ ހާލަތުގައި އެއާޕޯޓުތަކަކީ ގައުމަށް ކާނާއާއި އެހެނިގެން އިންސާނީ އެހީ އެތެރެކުރުމުގައި ބޮޑު ރޯލެއް އަދާ ކުރާ ގައުމުގެ އެންމެ މުހިއްމު ގުނަވަނެވެ.

comment ކޮމެންޓް