މާޒިޔާ މެޗުގައި ރެފްރީ ކުރިހާ ވެސް ކަމަކީ ހުނުން: އޮސްކާ

މާޒިޔާ އަދި ނިއުރޭޑިއަންޓް ބައްދަލުކުރި މެޗަށް ފަހު ނިއުރޭޑިއަންތްގެ ކޯޗު އޮސްކާ ބުރްޒޮން މެޗުގެ އޮފިޝަލުންނާ ވާހަކަ ދައްކަން މަސައްކަތް ކުރަނީ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އުރީދޫ ދިވެހި ޕްރިމިއާލީގުގައި މާޒިޔާ އަތުން ނިއުރޭޑިއަންޓް ބަލިވި މެޗުގައި ރެފްރީގެ ފަރާތުން 90 މިނިޓް ވަންދެން ހުނުން ފިޔަވައި އިތުރު ކަމެއް ފެނިގެން ނުދިޔަ ކަމަށް ނިއުރޭޑިއަންޓްގެ ކޯޗް އޮސްކާ ބުރްޒޯން ބުނެފި އެވެ.

މާޒިޔާ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އެ ޓީމުގެ ކޯޗް އޮސްކާ ބުނީ އޭނާ އަށް ރެފްރީ އެ މެޗުގައި ކަންތައް ކުރި ގޮތް އެއްވެސް ވަރަކަށް ކަމުނުދާ ކަމަށާއި މުހިންމު އެތައް ފައުލެއް ވެސް އޭނާ ނިއުރޭޑިއަންޓަށް ނުދޭ ކަމަށެވެ.

"ނުވަދިހަ މިނިޓް ވަންދެން ރެފްރީ ހުރީ ހެވިފައި. މިއީ ނިއުއަށް ލިބުނު ބޮޑު ގެއްލުމެއް،" ނިއުރޭޑިއަންޓްގެ ކޯޗް ބުންޏެވެ.

އޮސްކާ ބުނީ މާޒިޔާ މެޗުގައި ފެނިގެން ދިޔަ ފުރަތަމަ ގޯލަކީ ވެސް ހަގީގަތުގައި ހިލޭ ޖެހުން ދޭ ވަރު ކަމެއް ދިމާވެގެން ދިން ހިލޭ ޖެހުމެއް ނޫން ކަމަށާއި އެކަންކަމާ ގުޅޭ މައްސަލަ މެޗް ކޮމިޝަނަރަށް ހުށައަޅާފައިވާ ކަމަށެވެ.

"ރެފްރީ ދަނޑުމަތީގައި ވަރަށް އުފާވެފައި. އަހަރަމެންގެ ކުޅުންތެރިންނާ ދިމާއަށް ވެސް ހެނީ. ކުޅެން ފުރުޞަތެއް ނުދޭ. އަހަރެން މިހުރީ އެކަމާ ވަރަށް ހިތްހަމަނުޖެހިފައި،" ދާދި ފަހުން ނިއުރޭޑިއަންޓާއި ހަވާލުވި ކޯޗް ބުންޏެވެ.

އެ މެޗުގައި ފެނިގެން ދިޔަ ފުރަތަމަ ލަނޑު މާޒިޔާ އިން ކާމިޔާބުކުރީ މެޗުގެ އަށް ވަނަ މިނިޓުގަ އެވެ. އެ ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ މިހަޖޮވިކް އެވެ.

ދެ ވަނަ ލަނޑު ވެސް ފެނިގެންގޮސްފައި ވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. އެލަނޑު މެޗުގެ 41 ވަނަ މިނިޓުގައި ކާމިޔާބު ކުރީ މުހައްމަދު އުމެއިރު އެވެ.

comment ކޮމެންޓް