ފައިނަލުގެ ޖާގަ މެޓްރިކްސްއާއި ރެޑްލައިން ކްލަބަށް

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސެމީގެ ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މެޓްރިކްސްގެ ރާޝިދާ މޫސާ(ވ): ފައިނަލުގައި ވާދަކުރާނީ މެޓްރިކްސްއާއި ރެޑްލައިން ކްލަބު --- ފޮޓޯ/ ނެޓްބޯލް އެސޯސިއޭޝަން

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފައިނަލުގެ ޖާގަތައް ކްލަބު މެޓްރިކްސްއާއި ރެޑްލައިން ކްލަބުން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާ އެ މުބާރާތުގެ ފައިނަލުގެ ޖާގަތައް މެޓްރިކްސްއާއި ރެޑްލައިން ކްލަބުން ހޯދީ ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުތަކުން މޮޅުވެގެންނެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މެޓްރިކްސްއާއި ރެޑްލައިން ސިޓީއެވެ. އެ މެޗުގައި ރެޑްލައިން ސިޓީގެ މައްޗަށް މެޓްރިކްސްއިން ކުރި ހޯދާފައިވަނީ 63-45 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޓްރިކްސްގެ ރާޝިދާ މޫސާއެވެ.

އެ މުބާރާތުގެ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރީ ފެންފުށި ޒުވާނުންގެ ދިރުމާއި ރެޑްލައިން ކްލަބެވެ. އެ މެޗުގައި ފެންފުށީގެ މައްޗަށް ރެޑްލައިން ކްލަބުން ކުރި ހޯދާފައިވަނީ 47-54 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރެޑްލައިން ކްލަބުގެ އީމާ އަބްދުލް ސައްތާރެވެ.

އެ މުބާރާތުގެ ފައިނަލް މެޗަށް މެޓްރިކްސްއާއި ރެޑްލައިން ކްލަބު ނުކުންނަން ޖެހޭނީ މިރޭއެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގައެވެ.

comment ކޮމެންޓް