ނެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ބީއެމްއެލް ރާއްޖެ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ.
މި މުބާރާތް ފެށުމަށް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ފަސްޓްލޭޑީ ސާޖިދާގެ އިތުރުން, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަ މުޙައްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބީއެމްއެލް ރާއްޖެ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް ފެށުމުގެ ތެރެއިން... ފޮޓޯ/ ބީއެމްއެލް
މިއީ ރާއްޖޭގެ ޒުވާން ނެޓްބޯޅަ ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމަށް ބާއްވާ މުހިންމު މުބާރާތެކެވެ.
މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 15 ސްކޫލަކުން ބައިވެރިވެއެވެ.
މުބާރާތް ކުރިއަށްދަނީ ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 15 އަހަރުން ދަށުގެ ދަރިވަރުންގެ ބަޔާއި 17 އަހަރުން ދަށުގެ ދަރިވަރުންގެ ބައެވެ.

ބީއެމްއެލް ރާއްޖެ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް ފެށުމުގެ ތެރެއިން... ފޮޓޯ/ ބީއެމްއެލް
ޒުވާނުންގެ މެދުގައި ނެޓްބޯޅައިގެ ހުނަރު ކުރިއެރުވުމަށްޓަކައި ބީއެމްއެލް އިން ވަނީ ދާދި ފަހުން ނެޓްބޯލް އެސޯސިއޭޝަނާއެކު އެއްބަސްވުމެއް ގާއިމުކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ބީއެމްއެލް ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް އަދި ޖޫނިއާ ޗެމްޕިއަންޝިޕް ޓޯނަމެންޓަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދެއެވެ.

ބީއެމްއެލް ރާއްޖެ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް ފެށުމުގެ ތެރެއިން... ފޮޓޯ/ ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ އެކި ކުޅިވަރު ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގެ އެކި ގައުމީ ކުޅިވަރު ޖަމިއްޔާތަކާއެކު ގާތުން މަސައްކަތް ކުރަމުންނެވެ.