ގުދުރަތީ ކާރިސާތައްފަދަ ހާލަތްތަކުގައި އެއާޕޯޓަކަށް ލިބޭ ގެއްލުންތަކުން އަރައިގަނެ އެއާޕޯޓް އޮޕަރޭޓްކުރާނެ ގޮތުގެ އެކްޝަންޕްލޭނެއް އެކުލަވާލުމުގު ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވޯކްޝޮޕެއް ފަށައިފި އެވެ.
ގެޓް އެއާޕޯޓްސް ރެޑީ ފޯ ޑިސާސްޓާސް (ގާޑް)ގެ ނަމުގައި މިއަދު ހުޅުލޭ އައިލެންޑް ހޮޓެލްގައި ފެށި ވާކްޝޮޕް ޝަރަފްވެރިކޮށްދައްވައި ދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.
މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ވޯކްޝޮޕަކީ ޔޫއެންޑީޕީ އަދި ޑޮއިޝް ޕޯސްޓް ޑީއެޗްއެލްގެ އެހީގެ ދަށުން އެމްއޭސީއެލް އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމުގައި ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓާއި ސަރުކާރުގެ އިސްބޭފުޅުންނާއި، ސިފައިންނާއި އިންސާނީ އެހީ ފޯރުކޮށް ދޭ މާހިރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ގާޑް ޕްރޮގްރާމަކީ ޑޮއިޝް ޕޯސްޓް ޑީއެޗްއެލް އަދި ޔޫއެންޑީޕީ ގުޅިގެން ގުދުރަތީ ކާރިސާތަކުގައި އޭހީގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން އެއާޕޯޓުތަކުން އަމަކުރާނެ ގޮތުގެ މަގުސަދުތައް ކަނޑައެޅުމަށް އުފައްދާފައިވާ ޕްރޮގްރާމެކެވެ. ގާޑުގެ ވާކްޝޮޕްތައް 40 ގައުމެއްގައި ވަނީ ހިންގައިފައެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، ނޭޕާލް، ޕެނަމާ އަދި ޕެރޫ ހިމެނެ އެވެ.
ރާއްޖެއަކީ އިމަޖެންސީ ހާލަތްތަކުގައި އެހީފޯރުކޮށްދިނުމުގައި ވައިގެ މަގަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެކެވެ. އެހެން ކަމުން އެ ވޯކްޝޮޕުގައި ގުދުރަތީ ކާރިސާތަކަށް އެއާޕޯޓް މިހާރު ތައްޔާރުވެފައި އޮތް ވަރާއި ވަސީލަތްތައް އެސެސްކޮށް އަދި ގެންނަޖެހޭ ބަދަލުތައް ގެންނާނެ ގޮތުގެ އެކްޝަންޕްލޭން ހަދައި އަދި ބައިވެރިންނަށް އިތުރު ތަމްރީން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި މިއަދު ފެށި ވާކްޝޮޕްގައި ކިޔަވައިދޭނީ ޑޮއިޝް ޕޯސްޓް ޑީއެޗްއެލް އަދި ޔޫއެންޑީޕީގެ މާހިރުންނެވެ. އެ ޕްގޮރާމުގައި ގުދުރަތީ ކާރިސާތަކުގައި ލޮޖިސްޓިކްސް ގެ ކަންތައް ކުރިއަށް ގެންދާނެ އެންމެ ޕްރޮފެޝަނަލް ގޮތްތަކާއި އެފަދަ ހާލަތްތަކުގައި ރިސްކު ކުޑަކުރާނެ ގޮތުގެ ތަމްރީންތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އަދި އެފަދަ ކާރިސާތަކުގައި ސީދާ ރާއްޖޭެގެ އެއާޕޯޓުތައް އަމަލުކުރާނެ ގޮތުގެ އެކްޝަން ޕްލޭނެއް ބައިވެރިންނާ ގުޅިގެން ހެދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.
މިއަދުގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަރީފް ވިދާޅުވީ މޫސުމަށް އަންނަ ބަދުލުތަކުގެ ސަބަބުން ޜާއްޖެ ކަހަލަ ބިން ތިރި ޖަޒީރާ ގައުމުތަކަށް ކާރިސާތަކުން ލިބޭ ގެއްލުން މާބޮޑުވާނެ ކަމަށާއި އަދި ރާއްޖޭގެ އެއާޕޯޓަށް ކާރިސާގެ ގެއްލުމެއް ލިބިއްޖެނަމަ ޓޫރިސްޓުން ރައްޖެއަށް ދަތުރުކުރުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.