އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް އިބްރާހީމް ދީދީ ކޮމާންޑު ކުރި: ދައުލަތް

އިބްރާހީމް ދީދީ ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓު ކުރީގެ އިސް އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރުމަށް ކުރީގެ މާލޭ އޭރިއާ ކޮމާންޑަރެއްގެ މަގާމުގައި ހުރި އިބްރާހީމް މުހައްމަދު ދީދީ ކޮމާންޑު ކުރި ކަމަށް ދައުލަތުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރުކަން އަދާ ކުރައްވަމުން ގެންދަވާ އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒްގެ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވާފަ އެވެ.

ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، އިބްރާހީމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ސިފައިންގެ އެންމެ އިސް ވެރިޔާ، އަދި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކުރި އޯޑަރަކާ ގުޅިގެން އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަނުގައި އޭރު ކޮމާންޑަރެއްގެ މަގާމުގައި ހުރި އިބްރާހީމް ދީދީ ބައިވެރިވެފައިވާތީ ކަމަށެވެ.

ދައުވާ ސާފު ކުރުމަށް ގިނަ ސުވާލުތަކެއް ދީދީގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު މުހައްމަދު މިސްބާހު ވަނީ ކުރައްވާފަ އެވެ.

އެގޮތުން އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަނަކީ ކޮބައިކަމާއި، ދައުވާއިން މުހައްމަދުދީދީ ކުރި އަމަލަކީ ކޮބައިކަމާއި އެކަމުން ނުކުތް ނަތީޖާއަކީ ކޮބައިކަން ބުނެދިނުމަށް ދީދީގެ ފަރާތުން ސުވާލު ކުރެއްވި އެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ، އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ހިންގާފައި ވަނީ ލިބާޓީ ޝީލްޑް އޮޕަރޭޝަން ކަމަށެވެ. އަދި ދީދީ ކޮށްފައިވާ އަމަލަކީ، އެ އޮޕަރޭޝަނުގައި ބައިވެރިވުން ކަމަށާއި، އެކަމުގެ ސަބަބުން ނުކުތް ނަތީޖާއަކީ އަބްދުﷲ ގާޒީ ހައްޔަރުކުރުން ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ، އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނުގެ ޕްލޭން ހުށަހަޅާފައިވާ ކަމަށެވެ. އެ ޕްލޭނުގައި ކޮމާންޑަރަކަށް ހަމަޖައްސާފައި އޮތީ އިބްރާހީމް ދީދީ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ދައުލަތުން ވަނީ އެ އޮޕަރޭޝަން ހިންގުމަށް ކުރި މަޝްވަރާތަކުގައި އިބްރާހީމް މުހައްމަދުދީދީ ބައިވެރިކަމުގެ ހެކި ހެކިންގެ ބަޔާނުން އެނގެން އޮންނަ ކަމަށެވެ. އެހެން ނަމަވެސް އަބްދުﷲ ގާޒީގެ ގެއަށް ވަޑައިގެން ހައްޔަރުކުރުމުގައި އިބްރާހީމް ދީދީ ބައިވެރިނުވާ ކަމަށާއި، ނަމަވެސް އެކަން ކުރުމަށް ކޮމާންޑު ދިން ކަމަށް ވަކީލާ ވިދާޅުވި އެވެ.

އެ ދައުވާއަށްއަށް އިބްރާހީމް ދީދީ ވަނީ އިންކާރު ކުރައްވާފަ އެވެ.

އޭނާގެ މައްޗަށް އެ ދައުވާ ކުރަނީ ޓެރަރިޒަމް މަނާ ކުރުމުގެ ކުރީގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. އޭނާގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ 10 އަހަރާއި 15 އަހަރު ދުވަހު މުއްދަތަށް ޖަލަށްލުން ނުވަތަ އެ މުއްދަތަށް އަރުވާލުމެވެ.

އެ މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމެވެ. މިއަދުގެ އަޑުއެހުން ނިންމާލަމުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 01:30 ގައި ކަމަށެވެ. އެ އަޑުއެހުމުގައި އޮންނާނީ އެ މައްސަލައަކީ ޝަރުއީ އަދި މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ ދައުވާއެއްތޯ ކަނޑައެޅުން ކަމަށް ގާޒީ ވިދާޅުވި އެވެ.

comment ކޮމެންޓް