އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއާރްޑިސީ) އިން ކުރިއަށް ގެންދާ މަޝްރޫއުތަކުގައި ބޭނުންކުރުމަށް އެ ދެ ސިޓީއަށް ގިނަ އަދަދެއްގެ ހެވީލޯޑް ވެހިކަލް ގެންގޮސްފިއެވެ.
އެމްއާރްޑީސީގެ މެނޭޖަރު ހުސައިން ވަހީދު ''ސަންއަށް'' ވިދާޅުވީ، އައްޑުއާއި ފުވައްމުލަކަށް އަލަށް ގެންދެވުނު ހެވީލޯޑް ވެހިކަލް ތަކަކީ، މިހާރު އެ ދެސިޓީގައި ކުރިއަށް ގެންދާ މަޝްރޫއުތައް ހަލުއިކުރުމަށާއި އަދި މުސްތަގުބަލުގައި ވެސް އެ ދެސިޓީގައި ބޭނުންކުރާން ޖެހޭ މުހިއްމު ވެހިކަލްތަކެއް ކަމަށެވެ.
އެމްއާރްޑީސީން އިއްޔެ ވަނީ، އައްޑޫ ސިޓީގެ ހުޅުމީދުއަށް ކެރޭން، އެކްސްކަވޭޓަރ، ފޯކްލިފްޓް، ވީލް ލޯޑަރ އަދި ޕިކަޕް ހިމެނޭގޮތަށް އަށް ވެހިކަލެއް ގެންގޮސްފައެވެ.
"އަޅުގަނޑުމެން މި ވެހިކަލްތައް ބޭނުން ކުރާނީ، އައްޑޫ ސިޓީގެ ތަފާތު މަޝްރޫއުތަކަށް. އެގޮތުން އެ ސިޓީގެ ވެލިމަގުތައް އެއްވަރުކޮށް ބެލެހެއްޓުން ފަދަ ކަންކަން ހިމެނޭ،" ހުސައިން ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހުޅުމީދޫގައި އެމްއާރްޑީސީން މިހާރު 2 ކިލޯމީޓަރުގެ މަގު ހަދައި ނިމިފައިވާ ކަމަށާއި، އެރަށުގައި މިހާރު ކުރިއަށް ދަނީ، ގޮނޑުދޮށުގައި ހާއްސަކުރެވިފައިވާ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ.
އެމްއާރްޑީސީން ފުވައްމުލަކުގައި ވެސް ބިޔަ މަޝްރޫއުތަކެއް ކުރިއަށް ގެންދާއިރު، މިހާރު 2.7 ކިލޯމީޓަރުގެ ރިންގްރޯޑް މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަމަށް ހުސެން ވިދާޅުވިއެވެ. އަދި އެ ސިޓީގައި ވޭސްޓްމެނޭޖްމަންޓް ސައިޓެއް ހެދުމުގެ މަސައްކަތާއި މަގުތައް މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާއިރު، އިތުރު ތިން ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ފުވައްމުލަކުގައި އެމްއާރްޑީސީން ކުރިއަށް ގެންދާ މަޝްރޫއުތަކަށް އެކުންފުނިން އިއްޔެ ވަނީ، އެކްސްކަވޭޓަރ، ވީލްލޯޑަރ، ފޯކްލިފްޓް އަދި ޕިކަޕް ހިމެނޭ ގޮތަށް ފަސް ވެހިކަލެއް ގެންގޮސްފައެވެ. އަދި އޭގެ އިތުރުން މިއަދުވެސް އެ ސިޓީއަށް މަގުހެދުމަށް ބޭނުންވާ އިތުރު ސާމާނާއި ވެހިކަލް ގެންދާނޭ ކަމަށް އެމްއާރްޑީސީން ބުނެއެވެ.
"ފުވައްމުލަކުގެ މަގުތައް ރަނގަޅުފެންވަރެއްގައި މަރާމާތުކޮށް ބެލެހެއްޓުމާއި އަދި ވެލިމަގުތައްވެސް އެއްވަރުކޮށް ބަލަހައްޓާނީ އެމްއާރްޑީސީން. އެހެންކަމުން އެ މަސައްކަތްތަކަށް ބޭނުންވާ ވެހިކަލްތަކާއި އިތުރަށް ބޭނުންވާ މޭޓީރިއަލްސްތައް މި ގެންދަނީ،" އެމްއާރްޑީސީގެ މެނޭޖަރު ވިދާޅުވިއެވެ.