ހައްޖު ކޯޕަރޭޝަންގެ އެންމެ ފަހު ގުރޫޕު މިރޭ ފުރައިފި

މިއަހަރު ހައްޖަށް ދާ ބައެއް ހައްޖުވެރިން ފުރަން އެއާޕޯޓުގައި --- ސަންފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށް ދާ ހައްޖާޖީންގެ އެންމެ ފަހު ގުރޫޕު މިރޭ ފުރައިފި އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށް ދިއުމަށް ހަމަޖެހިފައި ވަނީ 694 މީހުންނެވެ. އޭގެތެރެއިން އެންމެ ފަހު ގުރޫޕުގައި 198 ހައްޖާޖީން ވަނީ މިރޭ މައްކާއަށް ދަތުރު ފަށާފަ އެވެ.

ހައްޖު ކޯޕަރޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ ފާރޫގު ހަސަން ވިދާޅުވީ މިހާރު އެ ކޯޕަރޭޝަންގެ ފަރާތުން މައްކާގައި ތިބި 496 މީހުން އުމުރާގެ އަޅުކަން ނިންމާފައިވާ ކަމަށެވެ. އަދި މިރޭ މައްކާއަށް ދާން ފުރި 198 ހައްޖާޖީންގެ އުމުރާގެ އަޅުކަންވެސް މާދަމާގެ މެންދުރުކުރިން ނިމޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ފާރޫގު ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަންގެ ހައްޖާޖީން މަދީނާއަށް ދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 އަދި 15 ވަނަ ދުވަހު ކަމަށް ފާރޫގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ ހައްޖާޖީންގެ ހާލު ރަނގަޅު ކަމަށެވެ.

comment ކޮމެންޓް