ދިވެހި ޕްރިމިއާ ލީގް: މާޅޮހާއި މިލަންދޫގެ ކުރިމަތިލުން މިއަދު ހަވީރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސްއާއި މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އުރީދޫ ދިވެހި ޕްރިމިއާލީގުގައި މިއަދު ހަވީރު އއ. މާޅޮހާއި ށ. މިލަންދޫ ކުރިމަތިލާއިރު ދެ ޓީމްވެސް ތައްޔާރަށް އޮތް ކަމަށް ދެޓީމުގެ ކޯޗުން ބުނެފިއެވެ.

މިއަދު ހަވީރު ކުޅޭ މެޗާ ގުޅޭ ގޮތުން، އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މިލަންދޫގެ އެސިސްޓަންޓް ކޯޗް މުޙައްމަދު ނާސިރު ބުނީ ޕްރިމިއާ ލީގަކީ އެޓީމަށް މުޅިން އާ މުބާރަތެއް ކަމަށާއި އަދި އެއީ މުޅިން އެހެން ފެންވަރެއްގެ މުބާރަތެއް ކަމުން ފުރަތަމަ މެޗުން ބަލިވުމަކީ ޓީމަށް ލިބުނު ބޮޑު ތަޖުރިބާއެއްކަމަށެވެ.

" ކުރީ ދުވަހުގެ މެޗަކީ ތަޖުރިބާއެއް. މިއަދު ޓީމް ނުކުންނާނީ ތިން ޕޮއިންޓް ކަށަވަރު ކުރަން. މުބާރަތުގެ ފުރަތަމަ މޮޅު ހޯދަން،" ނާސިރު ބުންޏެވެ.

ނާސިރު އިތުރަށް ބުނީ އެޓީމުގައި އެންމެ މަތީ ފަންތީގެ ފުޓްބޯޅައިގެ ތަޖުރިބާ މަދު ކުޅުންތެރިން ތިއްބަސް އެއީ މައްސަލަ އެއް ނޫންކަމަށާއި ކުޅުންތެރިންގެ ފަރާތުން އުންމީދީ ކުޅުމެއް ކުރީ މެޗުގައިވެސް ފެނިގެންދިޔަ ކަމަށެވެ. މިލަންދޫ ވަނީ އެ މުބާރަތުގައި ގްރީން ސްޓްރީޓް އަތުން ހަނި ގޮތަކަށް 2-1 ބަލިވެފައެވެ.

މިލަންދުއާ ވާދަކުރާ މެޗާ ގުޅޭ ގޮތުން އއ. މާޅޮހުގެ ކޯޗް އަލީ ނިޝްތާރު ބުނީ އޭނާގެ ހުރިހާވެސް އުންމީދަކީ ކުޅުންތެރިން ކުރާ ބުރަ މަސައްކަތް ކަމަށާއި އެއީ ކުރިއަށްދިޔުމަށް އެޓީމަށް ލިބޭ ހިތްވަރެއް ކަަމަށެވެ. އަދި ބުނީ އޭނާގެ ޓީމުގައި ތިބި ކުޅުންތެރިންނަކީ އެއްކޮށް ކުޅެ ނަތީޖާނެރެން އެނގޭ ކުޅުންތެރިން ތަކެއް ކަމަށެވެ.

ނިޝްތާރު އިތުރަށް ބުނީ މިލަންދޫ އަކީވެސް މޮޅު ޓީމެއް ކަމަށާއި ނަމަވެސް މާޅޮހުން މިއަދުގެ މެޗަށް ނުކުންނާނީ އެކަތި ގަނޑެއްގެ ގޮތުގައި ތިން ޕޮއިންޓަށް އަޒުން ކަނޑައަޅައިގެން ކަމަށެވެ.

މާޅޮސް އަދި މިލަންދޫ ބައްދަލުކުރާ މެޗު ފަށާނި މިއަދު ހަވީރު 16:00ގައެވެ.

comment ކޮމެންޓް