މިހާރު ކުރިއަށްދާ ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ރޭ ދެ މެޗެއް ކުޅުނު އިރު އެ ދެމެޗުގެ ތެރެއިން ފުރަތަމަ މެޗު ފެންފުށި ޒުވާނުންގެ ދިރުމުން ކާމިޔާބުކުރި އިރު ދެވަނަ މެޗު ލޮރެންޒޯ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާ އެމުބާރާތުގައި ރޭ ކުޅުނު ފުރަތަަމަ މެޗުގައި ފެންފުށި ނުކުތީ ކުޅުދުއްފުށި ޔޫތު ރެކްރިއޭޝަނާ ދެކޮޅަށެވެ. އެ މެޗުގައި ފޯރިގަދަ ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައިރު މެޗު ނިމިގެންދިޔައީ ދެ ޕޮއިންޓްގެ ލީޑަކާ އެކު ފެންފުށި މޮޅުވެގެންނެވެ. ސްކޯއަކީ ފެންފުށި 42 އަދި ކުޅުދުއްފުށި 40 އެވެ.
އެ މެޗުގެ މޮޅުކުޅުންތެރިއަކީ ފެންފުށި ޓީމުގެ ހަދީޖާ ހަސަންއެވެ.
ދެވަނަ މެޗު ލޮރެންޒޯ ސްޕޯޓްސް ކުލަބުން ގެންދިޔައީ ފަސޭހަ ކަމާ އެކުއެވެ. އެ މެޗަށް ބަލާއިރު ލޮރެންޒޯއާ ދެކޮޅަށް ކުޅުނު ސާއްބަ އެކުވެރި ކުލަބަށް މާރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެ މެޗު ލޮރެންޒޯއިން ކާމިޔާބުކުރީ 75-19ގެ ބޮޑު ތަފާތަކުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ ލޮރެންޒޯގެ އާދިލާ ހަލީމެވެ.
އެ މުބާރަތުގެ މެޗުތައް މިރެއާ މާދަމާވެސް ކުރިއަށްދާނެ ކަމަށް ނެޓްބޯޅަ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.