ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރަން ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީއަށް އިސްކަންދެން: ޝައިނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ދަނޑުވެރިކަމުގައި ބޭނުންކުރާ ފެނާއި ބިމުގެ ވަސީލާތްތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ވާސިލުކޮށްދިނުމުގެ ގޮތުން ތިމާވެށްޓާ ރަހުމަތްތެރި ޓެކްނޮލޮޖީއަށް ސަރުކާރުން އިސްކަންދޭ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅެވެއްޖެ އެެވެ.

ޝައިނީ އެހެން ވިދާޅުވީ ނުވަ ވަނަ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައެވެ. ޝައިނީ ވިދާޅުވި ގޮތުގައި ގުދުރަތީ ވަސީލަތްތައް ހިމާޔަތް ކުރުމަށް ތިމާވެއްޓާ ރައްޓެހި ޓެކްނޮލަޖީ ވަނީ މީގެ ކުރިން ވެސް ތައާރަފް ކޮށްފައެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން 30 ދަނޑެއްގައި ޑްރިޕް "އިރިގޭޝަން ޓެކްނޮލޮޖީ" ބޭނުންކޮށްގެން ގަސްތަކަށް ފެންދެވޭނެ ނިޒާމު ގާއިމް ކޮށްފައިވާނެ ކަމަށާއި އަދި އިތުރު 29 ދަނޑުގައި އެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް މިއަހަރު ވެސް ކުރަމުންދާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުޑަ ބިންކޮޅެއްގައި ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު ފަހިކޮށް ދިނުމަށް ހައިޑްރޮޕޯނިކްސްގެ ތަފާތު އުކުޅުތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ވަޞީލަތްތައް އާންމުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އެ މިނިސްޓްރީން ގެންދަނީ ކުރަމުންނެވެ. އެގޮތުން މިއަހަރު 10 ފަރާތަކަށް ދޫކޮށްގެން އެކި ބިންތަކުގައި އެ ވަޞީލަތްތައް ޤާއިމުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ ދަނޑުވެރިންނަށް ފޯރުކޮށްދެވެމުން އައި ދަނޑުވެރިކަމުގެ ތަމްރީނުތަކަށް މިސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ބަދަލުތައް ގެނެވި، ތިމާވެއްޓާއި ރައްޓެހި ގޮތްތަށް ބޭނުންކޮށްގެން ދަނޑުވެރިކަން ފުޅާކުރުމަށް ބޭނުންވާނެ މައުލޫމާތާއި، ތަމްރީންތައް ދަނީ ފޯރުކޮށްދެވެމުންނެވެ. އެ ގޮތުން 2013ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް 1682 ދަނޑުވެރިންނަށް ވަނީ ތަމްރީންދެވިފަ އެވެ.

އޭގެ އިތުރުން ރަށްރަށުގައި ދަނޑުވެރިކަމުގެ މަސައްކަތަށް ބޭނުންވާނެ ޤާބިލު މީހުން ޤާއިމުވެ ތިބެ ރަށުގެ އެހެން ދަނޑުވެރިންނަށް މަޢުލޫމާތު ފެތުރުމުގެ މަޤްޞަދުގައި އެކަމަށް ބޭނުންވާނެ މީހުން ބިނާ ކުރުމަށް މިއަހަރު ތެރޭ ސަރުކާރުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ހަ މަސްދުވަހުގެ އިންޓާންޝިޕް ޕްރޮގްރާމެއް ފަށައިފައިވާކަން ވެސް ޝައިނީގެ ޙިތާބުގައި ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް