ގެސްޓްހައުސް ކޮންފަރެންސް ސެޕްޓެމްބަރު މަހުގައި

ގެސްޓްހައުސް މޯލްޑިވްސް ކޮންފެރެންސް 2016ގެ ތެރެއިން -- ސަން ފައިލް ފޮޓޯ

މޯލްޑިވްސް ގެޓްއަވޭސްގެ ދަށުން ހިންގާ ގެސްޓްހައުސް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ގެސްޓްހައުސް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި ފިއެވެ.

މިއީ މިފަދަ ގޮތަކަށް ރާއްޖޭގެ ގެސްޓްހައުސްތަކަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދާ ހަމައެކަނި ހަރަކާތެވެ. މި ކޮންފަރެންސް އެންމެ ފުރަތަމަ ބާއްވާފައި ވަނީ މިދިޔަ އަހަރުއެވެ.

މޯލްޑިވްސް ގެޓްއަވޭސްއިން ބުނީ، ކޮންފަރެންސްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޯގަސްޓް 31ގެ ނިޔަލަށް ރެޖިސްޓާކުރުމަށް ބާރުއަޅާ ކަމަށެވެ. ކޮންފަރެންސްގައި ޖާގަ ލިބޭނީ އެންމެ 200 ފަރާތަށް ކަމަށް މޯލްޑިވްސް ގެޓްއަވޭސްއިން ބުންޏެވެ.

އެ ކުންފުނިން ބުނީ، ގެސްޓްހައުސް މޯލްޑިވްސް މެގަޒިންގެ 2018 ވަނަ އަހަރުގެ އަދަދުގައި ލިސްޓުކުރާ ގެސްޓްހައުސްތަކަށް، ގެސްޓްހައުސް ކޮންފަރެންސްގައި ހިލޭ ބައިވެރިވެވޭނެ ކަމަށެވެ.

ސެޕްޓެމްބަރު 23ވަނަ ދުވަހު ބާއްވާ ގެސްޓްހައުސް ކޮންފަރެންސްގެ ހަވާސާގައި ވިޔަފާރި އާއި ނެޓްވޯކިންގް ބައްދަލުވުންތަކާއި އެޑިއުކޭޝަން ސެޝަންތައް ކުރިޔަށް ދާނެއެވެ. މި އިވެންޓުގައި ބައިވެރިވާނީ ހަމައެކަނި ދައުވަތު އެރުވިގެންވާ ފަރާތްތަކަކަށެވެ. އަދި މި ކޮންފަރެންސްގައި ބައިވެރިވާ 200 ގެސްޓްހައުސެއް ކަނޑައަޅާނީ ވަކި ޝަރުތުތަކެއް ހަމަވެ، އެކަން ވެރިފައި ކުރެވިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ގެސްޓްހައުސް މޯލްޑިވްސް މެގަޒިނަކީ ރާއްޖޭގެ ގެސްޓްހައުސްތަކާ ބެހޭ ގޮތުން ނެރެވޭ ހަމައެކަނި ޕްރިންޓް މެގަޒިނެވެ. އެ މަޖައްލާގެ 5،000 އަށް ވުރެ ގިނަ ކޮޕީ، ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަހައި، ރާއްޖޭގެ ގެސްޓްހައުސްތައް މާކެޓު ކުރެއެވެ.

މިއަހަރުގެ ގެސްޓްހައުސް ކޮންފަރެންސަށްފަހު އޮންނަ ގާލާގައި، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން ވެސް އޮންނާނެ އެވެ. މި އެވޯޑު ހަފްލާއަކީ ރާއްޖޭގައި އެންމެ ރަނގަޅު ގެސްޓްހައުސްތައް ފާހަގަކޮށް، ދޭ އެވޯޑެކެވެ. މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާފުށީގައި ކަމަށް މަޓާޓޯއިން މައުލޫމާތު ދެއެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017ގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް