މާދަމާ އާ ފަސް ރުފިޔާ ބޭނުންކުރަން ފަށަނީ

ފަސް ރުފިޔާގެ އާ ނޫޓު ---

"ރަން ދިހަފަހެއް" ނޫޓު ސީރީޒްގެ ދަށުން ފަރުމާކުރި ފަސް ރުފިޔާގެ އާ ޕޮލިމާ ނޫޓު ބޭނުންކުރުން މާދަމާ ފަށާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.

މި ނޫޓު މާދަމާ ބޭނުންކުރަން ފެށުމާ އެކު، ރަން ދިހަ ފަހެއް ނޫޓު ސީރީޒް ފުރިހަމަވާނެއެވެ.

އެމްއެމްއޭއިން ބުނީ ފަސް ރުފިޔާގެ އާ ނޫޓު މާދަމާ ހެނދުނު އޮންނަ ރަސްމިއްޔާތެއްގައި ބޭނުންކުރަން ފަށާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2016 ވަނަ އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނެރުނު "ރަން ދިހަފަހެއް" ނޫޓު ސީރީޒްގެ ނޫޓުތައް ފުރަތަމަ ނެރުނު އިރު ފަސް ރުފިޔާ ނެރުމަށް ހަމަޖެއްސީ ދަގަނޑު ކޮއިނެއްގެ ގޮތުގައެވެ.

އެހެން ނަމަވެސް ފަހުން އެމްއެމްއޭއިން ނިންމީ ފަސް ރުފިޔާގެ ޕޮލިމާ ނޫޓެއް ނެރުމަށެވެ. މި ނޫޓު ރަސްމީކޮށް އިފްތިތާހުކުރީ މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުއެވެ. މި ނޫޓުވެސް ޑިޒައިންކުރީ ރަން ދިހަފަހެއް ސީރީޒްގެ އެހެން ނޫޓުތައް ފަރުމާކުރި އަބްދުﷲ ނަޝާތެވެ.

ރަން ދިހަފަހެއްގެ 10، 20 އަދި 50 ރުފިޔާގެ ހުރިހާ ސަލާމަތީ ސިފަތަކެއް މި ނޫޓުގައިވެސް ހިމެނެއެވެ. މި ނޫޓުގައި، އިތުރު ސަލާމަތީ ސިފައެއްގެ ގޮތުގައި ކްލިއާ ވިންޑޯގެ އެއްފަރާތުން ނޫޓުގެތެރެއިން އަނެއް ފަރާތް ފެންނަގޮތަށް ނޫޓުގެ މޫނުމަތީ އަގު ފެންނަން ހުންނާނެއެވެ.

އަލަށް ތައާރަފްކުރި ފަސް ރުފިޔާގެ މޫނުމަތިން ދައްކުވައިދެނީ ފުޓްބޯޅައާއި ސަގާފީ އެކި ކުޅިވަރުތަކުން އިޖްތިމާއީ ގުޅުން ވަރުގަދަ ކޮށްދޭކަމެވެ. ނޫޓުގެ މޫނުމަތީގައި، ރާއްޖޭގެ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ ފޮޓޯއެއް އަސްލަކަށް ބަލައިގެން ކުރަހާފައިވާ ކުރެހުމެއްވެސް ހުރެއެވެ.

ނޫޓުގެ ފަހަތުގައި ސަންގެއް ކުރަހާފައިވާއިރު އެއިން ދައްކުވައިދެނީ މުއާސަލާތު ކުރުމަށް ކުރިން ގެންގުޅުނު ވަސީލަތެކެވެ.

ނޫޓުގެ ޕެޓާން ދައްކައިދެނީ، އިޖްތިމާއީ ގުޅުން އަދި މުޅި ރާއްޖެ މުއާސަލާތީ ގޮތުން ގުޅިފައިވާކަން ދައްކައިދޭ ލައިން ޕެޓާނެކެވެ.

ރަން ދިހަފަހެއް ސީރީޒްގެ ދަށުން މާދަމާ ނެރޭ ފަސް ރުފިޔާއާއި، ކުރިން ނެރެފައިވާ 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ، 500 ރުފިޔާ އަދި 1،000 ރުފިޔާގެ ނޫޓު ހިމެނެއެވެ. މި ހުރިހާ ނޫޓެއްގައިވެސް ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ.

comment ކޮމެންޓް