މައްކާގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އިންޑިއާގެ 391 ހައްޖާޖީން ހޮޓަލުން ނެރެފި

މައްކާގެ ހޮޓަލުގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފައި -- ފޮޓޯ: މޮރޮކޯވޯލްޑްނިއުސް

މައްކާ (އޮގަސްޓް 9): ސައުދީ އަރަބިއާގެ މައްކާގައި ހައްޖުވެރިން ތިބި ހޮޓަލެއްގައި ރޯވުމުގެ ސަބަބުން އިންޑިއާގެ 391 ހައްޖާޖީން އެ ހޮޓަލުން ނެރެފި ކަމަށް ސައުދީ ޕްރެސް އޭޖެންސީން ބުނެފި އެވެ.

މައްކާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މޭޖާ ނައިފް އަލް ޝަރީފް ވިދާޅުވި ގޮތުގައި އެހާދިސާގައި ރޯވީ ހޮޓަލުގެ ހަތް ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައެވެ. އަދި އެހޮޓަލުގައި ގިނައިން ތިބީ އިންޑިއާގެ އައްސާމަށް ނިސްބަތްވާ ހައްޖާޖީންނެވެ.

އަލް ޝަރީފް ވިދާޅުވި ގޮތުގައި އެ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ އިރު، އެހާދިސާގައި ހޮޓަލުގައި ތިބި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެ އެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބު ހޯދުމަށް ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އަލިފާން ރޯވާން މެދުވެރިވީ މޮބައިލް ޗާޖަރެއް ޝޯޓް ސާކެޓް ވުމުގެ ސަބަބުންނެވެ. (ސައުދީގެޒެޓް)

comment ކޮމެންޓް