ހަނގާ ކުރުމާ ދެކޮޅަށް ގދ. ފަރެސްމާތޮޑާގެ ސްކޫލުގެ ދަރިވަރުންނާއި ރައްޔިތުން ހޭލުންތެރިކޮށްފިއެވެ.
އެ ރަށުގެ ދަރިވަރުންނާއި ބެލެނެވެރިން ހޭލުންތެރި ކުރުމުގެ އެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ކުޑަކުދިންނަށް ކުރާ ގޯނާތަކާ ދެކޮޅަށް މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް)އިންނެވެ.
ކެޕްސް އިން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ގދ. ފަރެސްމާތޮޑާގެ ހުވަދޫ ސްކޫލުގަ އެވެ.
މިދިޔަ ހަފްތާ ބަންދުގައި ކުރިއަށް ގެންދިޔަ އެ އެ ޕްރޮގްރާމްގައި ބައިވެރިވެފައި ވަނީ ހުވަދޫ ސްކޫލުގެ ގްރޭޑް ފަހަކުން މަތީގެ ދަރިވަރުންނާއި، ޓީޗަރުންނާއި އަދި ބެލެނިވެރިންނެވެ،
ފަރެސްމާތޮޑާގައި އެ ޕްރޮގްރާމްކުރިއަށް ގެންދިޔައީ ކެޕްސްގެ ޗެއާޕާސަން އަބްދުލް ހަމީދު އަދި އެ ޖަމިއްޔާގެ އެކްޒެކެޓިވް މެމްބަރު އަދި ގާނޫނީ ވަކީލު އަލީ މަފާޒެވެ. އެ ޕްރޮގްރާމް އެ ރަށުގައި ހިންގައިފައި ވަނީ ހުވަދޫ ސްކޫލުން އެދިގެން ހިލޭ ސާބަހަށެވެ.
ކެޕްސްއިން ބުނީ، އެހެން ސްކޫލުތަކުން އެފަދަ ޕްރޮގްރާމްތައް ހިނގައި ދިނުމަށް އެދޭނަމަ ކުރިއަށް އޮތްތަނުގައި އިތުރު ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށެވެ.
ކެޕްސްއަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މަސައްކަތް ކުރުމަށާއި އަދި ކުޑަކުދިން ރައްކާތެރި ކުރުމަށްޓަކައި ފަރުދީ ފެންވަރުގައި މަސައްކަތްކުރާ މުޖުތަމައުއެއް ބިނާކުރުމުގެ މަގުސަދުގައި 2009 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ.
ކެޕްސްއިން ބުނި ގޮތުގައި އެ ޖަމިއްޔާގެ އަމާޒަކީ އެފަދަ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް މުޅި ރާއްޖެއަށް ފުޅާކުރުމެވެ. ނަމަވެސް އެ ޖަމިއްޔާއަށް ކުރިމަތިވެފައިވާ މާލީދަތިތަކުގެ އެފަދަ ޕްރޮގްރާމްތައް ހިންގުމުގައި ވަރަށް ބޮަޑަށް ދަތިވެފައިވާ ކަމަށް ކެޕްސްއިން ބުންޏެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި އަދި އެފަދަ ކަންތައް ހުއްޓުވުމަށް އަތޮޅުތަކުގައި ހޭލުންތެރިކަމުގެ ތަފާތު ޕްރޮގްރާމުތައް މީގެ ކުރިން ވެސް ހިންގަފައިވާ ކަމަށް ކެޕްސްއިން ބުންޏެވެ.
ފުރާވަރުގައި ކުށް ކުރާ ކުދިން މަދުކުރުމަށްޓަކާ އެ ފަދަ ކުދިންނަށް އަމާޒުކޮށްގެން ކުޅިވަރުގެ ދާއިރާއިން ފުރުސަތު ހޯދައިދިނުމަށް ފުޓްސަލް މުބާރާތްތައް ބާއްވަމުން ގެންދާ ކެޕްސްއިން ބުނީ އެ ޖަމިއްޔާއިން ބައިނަލަގްވާމީ އެކިއެކި ވޯކްޝޮޕްތަކާއި އަދި ފޯރަމްތަކުގައި ބައިވެރިވެފައި ވާނެ ކަމަށެވެ.