ދައުލަތުގެ އިސް ބޭފުޅަކު ރިސޯޓެއްގައި ހުމާމްއާ ބައްދަލުކުރި މައްސަލަ ދަނީ ބަލަމުން: ރައީސް

ހ. ލޮބީ ހުސައިން ހުމާމް: އޭނާއާ ދައުލަތުގެ އިސް ބޭފުޅުކު ގަވާއިދާ ހިލާފަށް ބައްދަލުކުރި މައްސަލައެއް ބަލަނީ -- ސަންފައި ފޮޓޯ

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެ، މެރުމަށް ހުކުމްކޮށްފައިވާ ހ. ލޮބީ ހުސައިން ހުމާމް އަހުމަދު ގަވާއިދާ ހިލާފަށް ޖަލުން ނެރެ އޭނާ އާ ދައުލަތުގެ ކުރީގެ އިސްވެރިޔަކު ރިސޯޓެއްގައި ބައްދަލުކުރި މައްސަލައެއް ބަލަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރިސޯޓެއްގައި ހުމާމާ ބައްދަލު ކުރީ ކޮން ބޭފުޅެއް ކަމެއް ރައީސް ވިދާޅު ނުވިނަމަވެސް އެކަމުގެ ތުހުމަތު ކުރެވެނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށެވެ.

"ދިވެހި ދައުލަތުގެ އޭރުގެ އިސް ބޭފުޅަކު، ވަރަށް އިސް ބޭފުޅަކު، ހުމާމް ޖަލުގައި ހައްޓައި، ގާތިލްކަމަށް ކަމަށް ބުނެވޭ މީހާ ޖަލުގައި ހުއްޓައި ޖަލުން ބޭރަށް ނެރިގެން ރިސޯޓެއްގައި އޭނާއާ ބައްދަލުކޮށްފި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މައްސަލަ ހިނގިކަން އެމަނިކުފާނަށް އެނގިވަޑައިގަތުމާ އެކު ފުލުހުންނަށް ހުށަހަޅައިގެން އެކަން ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން އޭރު ޖަލުގައި ހުރި ދެ ގާޑުންގެ ތެރެއިން އެއް ގާޑުގެ ބަޔާން ނަގާފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ދެން ހުރި ގާޑުގެ ބަޔާން ވެސް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ގާޑުގެ ބަޔާން ލިބުމާ އެކު 'އޭރުގެ ދައުލަތުގެ އިސް ވެރިޔާގާގެ ތަހުގީގު ފެށިގެން ދާނެ' ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ސިޔާސީ ލީޑަރުން އެމީހުންގެ އަމިއްލަ މަންފާއަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަން ފާހަގަކޮށް ރައީސް ވިދާޅުވީ ހުމާމްއާ ދައުލަތުގެ އިސްވެރިޔަކު ބައްދަލުކުރުން ފަދަ ކަންކަމަކީ މީގެކުރިން ރައްޔިތުންނަށް އިނގޭ ކަންތައްތަކެއް ނޫން ކަމަށާއި އެ މައްސަލަތައް ބަލާ ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.

ރައީސް އެހެން ވިދާޅުވި ނަމަވެސް މީގެ ކުރިން ސޯސަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އާއި ހުމާމް ރިސޯޓެއްގައި ބައްދަލުކުރިކަމަށް ބުނެ ވާހަކަތައް ފަތުރާފައެވެ.

comment ކޮމެންޓް