މިއަހަރުގެ އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯގެ މީޑިއާ ޕާޓްނަރަކަށް ސަން

މިއަދު ސަން މީޑިއާ އޮފީހުގައި ކުރިޔަށްދިޔަ އެމްއޯޔޫ ސޮއިކުރުމުގެ ހަފްލާގެ ތެރެއިން --- ސަންފޮޓޯ: މުހައްމަދު އަފްރާހް

އަސަރީ ސާވިސަސް ޕްރައިވެޓް ލިމިޓެޑް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ 2017"ގެ މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައިފި އެވެ.

މިއަދު ސަން މީޑިއާގެ އޮފީސްގައި އޮތް އެމްއޯޔޫ ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެއޮފީހުގެ މާކެޓިންގް މެނޭޖަރު އަލީ އަމީރު ދެންނެވީ މިފަދަ މުހިންމު އަދި ތައުލީމާ ގުޅުން ހުރި ފެއާއެއްގައ އޮންލައިން ޕާޓްނަރަކަށް ސަން ހަމަޖެހުމުން އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއިވެންޓް ހަމަ ނިމެންދެން އަޅުގަނޑުމެންގެ މީޑިއަމްތަކުގައި މީގެ ހަބަރުތައް ގެނެސްދެމުން ގެންދާނެ. ދެން ސަން އަކީ އަބަދުވެސް މިކަހަލަ ހުރިހާ ކަމަކަށް އަޅުގަނޑުމެން، ވީ ވަރަކުން އެހީތެރިކަމާ އެއްބާރުލުން ދެމުން ގެންދާ ރާއްޖޭގެ މީޑިއާއެއް ކަމުގައި ވާތީވެ، އަޅުގަނޑުމެން މިފެއާގައި، ވަކިން ހާއްސަކޮށް ތައުލީމާ ގުޅުންހުރި ފެއާ އަކަށް ވާތީ މިފަދަ ފެއާތަކަށް އަޅުގަނޑުމެންގެ އެއްބާރުލުން އަބަދުވެސް ލިބޭނެ" ކަމަށް އޭނާ ދެންނެވި އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯގެ އެމްއޯޔޫ ސޮއިކުރުމުގެ ހަފްލާގެ ތެރެއިން --- ސަންފޮޓޯ: މުހައްމަދު އަފްރާހް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސަރީ ސާވިސަސްގެ އެޗް އާރް އެންޑް އެޑްމިން މެނޭޖަރު އައިމިނަތު އަސްމާ ވިދާޅުވި ގޮތުގައި މިފެއާގައި ރާއްޖޭގެ ތައުލީމު ދޭ އިންސްޓިޓިއުޓްތަކާއި ބޭރުގެ އެފިލިއޭޓެޑް ފަރާތްތަކުން ބައިވެރިވާނެ އެވެ.

"މި ފެއާގައި ރާއްޖޭގެ ކޮލެޖް ޔުނިވާސިޓީތަކާއި އިންސްޓިޓިއުޓްތައް. އޭގެ އިތުރުން ކެރިއާ ވައިސް ކޮށް ހަމަ އަންނަ ކޮލެޖުތަކަށް ވެސް ހުންނާނެ. އަޅުގަނޑުމެން އަސްލު އިންނާނެ އޮފީސްތަކުން ބައިވެރިވެވޭ ގޮތަށްވެސް ހުޅުވާލާފައި. ދެން އަންނާނީ ލަންކާގެ އިންސްޓިޓިއުޓްތަކެއް ދެން ހަމަ އެގޮތަށް އެފިލިއޭޓެޑް ގައުމުތަކާ އެއްކޮށް ޔުނިވާސިޓީ ކޮލެޖްތައް ވެސް އަންނާނެ،" ކަމުގައި އަސްމާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުން ނުވަތަ ފެއާގެ ބައިވެރިންނަށް ސްކޮލަޝިޕްގެ ފުރުޞަތުތަކާއި އެމްކިއުއޭ ފޯމް ފުރާއި ބޭނުންވާ އިންސްޓިޓިއުޓްތަކަށް ހުށައެޅުމުގެ ފުރުޞަތުވެސް މިފެއާއިން ލިބޭނެ އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ 2017 ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހިނގާ އޯގަސްޓް މަހުގެ 17، 18 އަދި 19ގައި ދަރުބާރުގޭ ގަ އެވެ.

comment ކޮމެންޓް