އެސްއެސްޓީވީން އިންތިޒާމްކޮށްގެން މުޅިން އަލަށް މި ރޯދަމަހު ގެނެސްދޭ "އެސްއެސްޓީވީ އިސްރަށްވެހީންގެ ގުރުއާން ކިޔެވުމުގެ މުބާރާތް 1445"ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ރީތިކޮށް ގުރުއާން ކިޔެވުމަށް ޝައުގުވެރިވާ، އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ.
އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ އިސްރަށްވެހީންނަށް ވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި މުބާރާތާ ބެހޭގޮތުން އެސްއެސްޓީވީގެ ޗީފް ކޮންޓެންޓް އޮފިސަރު މުޙައްމަދު ޒަހީން ވިދާޅުވީ، ކީރިތި ގުރުއާން ކިޔެވުމަކީ ޚާއްޞަކޮށް އިސްރަށްވެހީންގެ ކިބައިން ފެންނަ ރިވެތި އާދައެއް ކަމަށެވެ.
އެގޮތުން މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ، އިސްރަށްވެހީންގެ ހުނަރާއި ގުރުއާން ކިޔުވުމަށް ހުންނަ ޝައުގުވެރިކަމުން ޒުވާން ޖީލަށް ހިތްވަރުދިނުން ކަމަށް ޒަހީން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އިލްތިމާސަކީ ގޭގޭގައި ތިއްބަވާ ހުރިހާ ޒުވާނުން ވެސް މަންމަ، ބައްޕަ، ކާފަ އަދި މާމައަށް ވެސް މި މުބާރާތުގައި ބައިވެރިވުމަށް އެހީތެރިވެދިނުން. އެއީ އެމީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް،" ޒަހީން ވިދާޅުވިއެވެ.
އެސްއެސްޓީވީން އިސްނަގައިގެން ކުރިއަށްގެންދާ މި މުބާރާތުން އެއްވަނައަށް ހޮވޭ މީހަކަށް އުމްރާ ދަތުރެއް ލިބޭނެއެވެ.
މިއީ ފޯނުން ނުވަތަ ކެމެރާއަކުން، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ވީޑިއޯ ކުރުމަށް ފަހު އެސްއެސްޓީވީއަށް ފޮނުވައިގެން ބައިވެރިވެވޭނެ މުބާރާތެކެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ އިސްރަށްވެހިން IR ޖެހުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށް ނަމާއި، އުމުރު އަދި ރަށުގެ ނަން ޖެހުމަށް ފަހު 2747ކަށް އެސްއެމްއެސް ކުރުމުން މުބާރާތުގައި ބައިވެރިވެވޭނެއެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ރޯދަ މަހުގެ ކުރިން އެސްއެމްއެސް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
އެސްއެމްއެސް ކުރުމުން އެސްއެސްޓީވީގެ ފަރާތުން އެ މީހަކަށް ގުޅައި މުބާރާތާ ބެހޭ އިތުރު ތަފްސީލް ދޭނެއެވެ.