މަހްލޫފްގެ ޕާސްޕޯޓް ހިފަަހައްޓައިފި

މަހްލޫފް ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފުގެ ޕާސްޕޯޓް ކޯޓް އަމުރެއްގެ ދަށުން ހިފަހައްޓައިފިއެވެ.

މަހްލޫފްގެ ޕާސްޕޯޓް ހިފެހެއްޓި ސަބަބެއް ކަމަށް ރޭ ދަންވަރު ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނަނީ ފުލުހުން ތަހުގީގު ކުރަމުން އަންނާތީ، އޭނާ ފިލައިގެން ހިނގައިދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

އަމުރުގައިވާ ގޮތުން ފުލުހުން ތަހުގީގު ކުރަމުން އަންނަނީ މިދިޔަ ހޯމަ ދުވަހު މަޖިލީހުގައި ހިނގައިދިޔަ ކަންތައްތަކެވެ.

މަހްލޫފް ފިލައިގެން ދާން އުޅޭ ކަމުގެ ހެއްކެއްގެ ގޮތުގައި ކޯޓް އަމުރުގައި ބުނެފައިވަނީ ފުލުހުންގެ އިންޓަލިޖެންސަށް ލިބިފައިވާ ސިއްރު މައުލޫމާތު ހިމެނޭ ރިޕޯޓެވެ. އެ ރިޕޯޓް ބުނާ ގޮތުން މަހްލޫފް ފިލައިގެން ދާން އުޅެނީ އަވައްޓެރި ސްރީލަންކާއަށެވެ.

ނަމަވެސް އެ ކޯޓް އަމުރުގެ ފޮޓޯއެއް ޓްވީޓް ކުރަމުން މަހްލޫފް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ ޕާސްޕޯޓް ހިފެހެއްޓި ނަމަވެސް އޭނާގެ ޕާސްޕޯޓް ހިފަހައްޓައިގެން ނުވާނެ ކަމަށެވެ. އަދި އޭނާ ބޭނުންވަނީ ރާއްޖޭގައި ހުރެގެން ވެރިކަން ބަދަލުކުރަން ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހްލޫފްގެ މައްސަލަ އެއް ތަހުގީގު ކުރަމުން އަންނައިރު ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރުމުގެ ދެ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވެ ކްރިމިނަލް ކޯޓުން އިއްވި 10 މަހާއި 24 ދުވަހުގެ ޖަލުހުކުމެއް އޭނާ ވަނީ ދާދި ފަހުން ތަންފީޒްކޮށް ނިންމާފައެވެ.

މަހްލޫފްގެ އިތުރުން އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ގިނަ މަޖިލިސް މެންބަރުންގެ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހްގީގު ކުރަމުންނެވެ. އަދި ބައެއް މެންބަރުންގެ މައްސަލަ ކޯޓުގައި ވާއިރު ހަތަރު މެންބަރަކު މިހާރު ވެސް ހުރީ ފުލުހުންގެ ބަންދުގައެވެ.

comment ކޮމެންޓް