ފެނަކަ ކޯޕަރޭޝަންގެ ހުރިހާ އިދާރާތަކެއް އެއް ވިއުގައަކުން ގުޅާލައިފި

ފެނަކަ ކޯޕަރޭޝަން އެއްވިއުގައަކުން ގުޅާލުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ: ފަޔާޒް މޫސާ

ފެނަކަ ކޯޕަރޭޝަން އިން ހިދުމަތްދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ހުރިހާ އިދާރާތަކެއް އެއް ވިއުގައަކުން ގުޅާލައިފި އެވެ.

މިއަދު ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ ހުރިހާ އިދާރާއެއް މައިކްރޯސޮފްޓް ޑައިނަމިކްސް ނެވިޝަން އީއާރުޕީ ސިސްޓަމުގެ ޒަރީއާ އިން އެއް ވިއުގައަކަށް ގުޅާލަ ދެއްވީ އެންވަޔަރމަންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ޝަރީފެވެ.

އެ ރަސްމިއްޔާތުގައި އިފްތިތާހުކުރި އީއާރުޕީ ނިޒާމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމްޑީ ޝަރީފް ވިދާޅުވީ ރާއްޖޭގެ 16 އަތޮޅާއި 153 ރަށަށް އެކުންފުނީގެ ޒަރީއާ އިން ރައްޔިތުންނަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި މި ގާއިމުކުރި ނިޒާމުގެ ސަބަބުން މަސައްކަތްތަކަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި ވެސް އެހެނިހެން މަސައްކަތްތައް ހަލުވިވެގެންދާނެ ކަމަށެވެ.

އީއާރުޕީ ނިޒާމު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ޝަރީފު ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ: ފަޔާޒް މޫސާ

މީގެ އިތުރުން އޭނާ ވިދާޅުވީ މިއަދަކީ އެކުންފުނީގެ ފަސް ވަނަ އަހަރީ ދުވަސްކަމަށް ވެފައި މިފަދަ ބޮޑު މަޝްރޫއެއް ކުންފުނީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި ކާމިޔާބުކަމާ އެކު ގާއިމުކުރެވިގެންދިޔުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ރައްޔިތުން ބޭނުންވާ ޚިދުމަތް ރައްޔިތުން ބޭނުންވާ ސްޕީޑުގައި ލިބިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ޝަރީފު ވަނީ ފެނަކަ ކޯޕަރޭޝަންއަކީ ބޮޑު އަދި ތަފާތު މަޝްރޫއުތަކެއް ކުރާ ކުންފުންޏަކަށް ވެފައި ކުންފުނީގެ މާލީ އިދާރާއަކީ އެންމެ ވަރުގަދަކޮށް އަދި ހަރުދަނާކޮށް ހިނގަން ޖެހޭ އެއް އިދާރާކަމުން މަސައްކަތްތަކަށް އިތުރު ލުޔެއް ހޯދުމަށް ބިލިންގް ސޮފްޓްވެއާއެއް ހެދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވިދާޅުވެފަ އެވެ.

"ކުރިޔަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ބިލިންގް ސޮފްޓްވެއާ ލިބި މައިކްރޯސޮފްޓް އީއާރުޕީއާ އިންޓަގްރޭޓް ކުރެވިގެންދާނެ" ކަމުގައި ޝަރީފު ވިދާޅުވި އެވެ. އަދި މީގެ އިތުރުން މިއަދު އިފްތިތާހުކުރި އީއާރުޕީ ނިޒާމު ގާއިމުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝަރީފު ވަނީ ޝުކުރު އަދާ ކުރައްވައިފި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވަނީ ފެނަކަ ކޯޕަރޭޝަންއަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި އެކުންފުނީގެ އިސްވެރިންނާއި ހުރިހާ ސްޓާފުންނަށް ތަހުނިޔާ އަރިސްކޮށްފަ އެވެ. އަދި މިއަދު އިފްތިތާހު ކުރި އީއާރުޕީގެ ނިޒާމަކީ އެކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅުވެގެންދާނެ ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ފެނަކަ ކޯޕަރޭޝަންގެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ: ފަޔާޒް މޫސާ

މީގެ އިތުރުން ފެނަކައަކީ އުމުރުގެ ގޮތުން ހަގު ކުންފުންޏެއްކަމުގައިވީއިރު ވެސް އެހާ ގިނަ ރަށްރަށަކަށް ފެން، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމުގެ ބޮޑު ޒިންމާ ވަރަށް ކުޅަދާނަކަމާ އެކު އުފުލަމުންދާ ކުންފުންޏެއް ކަމުގައި މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

މައިކްރޯސޮފްޓް ޑައިނަމިކްސް ނެވިޝަން އީއާރުޕީއަކީ އިންޓަނެޓް ނެޓްވޯކުގެ ޒަރީއާއިން ކުންފުނީގެ އެކިއެކި އޮފީސްތަކާއި އިދާރާތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް މަސައްކަތްތަކާ ގުޅުން ހުރި ލިޔެކިޔުންތައް ފަސޭހަކަމާ އެކު ހިއްސާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.

comment ކޮމެންޓް