ވިލާ ޝިޕިން އިން ހާޒިރުނުވުމުން 18 މިލިއަން ޑޮލަރުގެ މައްސަލަ ބޭރުކޮށްލައިފި

ޖަސްޓިސް ބިލްޑިން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ޝިޕިން އިން 18 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެންގުމުން އެ އިދާރާ އާ ދެކޮޅަށް ވިލާ އިން ކުރި ދައުވާ ބޭރުކޮށްލައިފިއެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ އިއްޔެ 11:15 އަށް ކޯޓަށް ހާޒިރުވުމަށް އަންގައި ވިލާ ޝިޕިން އަށް ފޮނުވި ކޯޓު އަމުރާ ހަވާލުވެ، އެ ކުންފުނިން ކޯޓަށް ހާޒިރުވެފައިނުވާ ކަމަށެވެ.

އެހެންކަމުން ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެ މައްސަލަ އިތުރަށް ކުރިއަށްގެންދެވެން ނެތް ކަމަށް ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.

ވިލާ ޝިޕިންގެ އެކައުންޓަތައް ފްރީޒްކޮށް 18 މިލިއަން ޑޮލަރު ދައްކަން މީރާ އިން އަންގާފައި ވަނީ މި އަހަރުގެ މާޗު 22 ވަނަ ދުވަހު އެވެ.

އެފައިސާ އަކީ ދައްކަން ނުޖެހޭ ފައިސާއެއް ކަމަށް ބުނެ ވިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލާފައިވާއިރު. މީރާ އިން ވަނީ އެ ފައިސާ ހޯދަން ދައުވާ ކޮށްފައެވެ.

ފަންސާސް އަހަރަށް ތ. އެލާ ވިލާ ޝިޕިން އަށް ކުއްޔަށް ދީފައި ވަނީ ރިސޯޓު ހުޅުވާ ތާރީހުން ފެށިގެން ކުލި ދައްކަން ޖެހޭ ގޮތަށެެވެ. ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އޭރު ހުންނެވި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ އެ އެގްރިމެންޓް ބާތިލުކުރައްވައިފަ އެވެ.

އެގްރިމެންޓް ބާތިލު ކުރެއްވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ ގުޑްވިލް ނެތުމެވެ. އޭރު މީރާ އިން ވިލާ ޝިޕިންގްއަށް އަންގާފައި ވަނީ ކުލި މެދުކެނޑިފައި އޮތް ތާރީޚުން ފެށިގެން އެގްރީމެންޓް ބާތިލްކުރި ދުވަހާ ހަމައަށް ކުއްޔާއި ޖޫރިމަނާގެ ފައިސާ ދެއްކުމަށެވެ.

އެގްރީމެންޓް ބާތިލްކުރި މައްސަލަ އެއިރު ވިލާ އިން ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ބެލުމަށް ފަހު މިދިޔަ އަހަރު އެ ކޯޓުން ހުކުމް ކުރީ އެއީ ރަނގަޅު ބާތިލްކުރުމެއް ނޫން ކަމަށާއި އެ އެގްރީމެންޓް ދެމި އޮންނާނެ ކަމަށެވެ. ދައުލަތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްފަ އެވެ.

comment ކޮމެންޓް