ރާއްޖޭގެ އެންމެ ފުރަތަމަ ވޯޓާ ތީމް ޕާކު ހުޅުމާލޭގައި ހަދަނީ!

ފޮޓޯ/ އެޗްޑީސީ

ރާއްޖޭގައި ހުޅުވާ އެންމެ ފުރަތަމަ ވޯޓާ ތީމް ޕާކު ހުޅުމާލޭގައި ހެދުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ، އަންނަ އަހަރު ނިމުމުގެ ކުރިން ހުޅުމާލޭގައި ވޯޓާ ތީމް ޕާކު ހުޅުވޭނެ ކަމަށެވެ.

އެޗްޑީސީން ބުނީ، މި މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ މިރީ ހައުސިންގް ޑިވެލޮޕްމެންޓް ސެންދިރިއަން ބަރުހާދަށެވެ.

އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ސައިމަން "ސަން"އަށް ވިދާޅުވީ، އެކުންފުންޏާ އެޗްޑީސީއާ ދެމެދު ސޮއިކުރެވުނީ މީގެ ދެ ހަފްތާ ކުރިން ކަމަށެވެ. އަދި ވޯޓާ ތީމް ޕާކުގެ ތްރީޑީ ޑިޒައިން މިހާރު ނިމި، މިއަހަރުގެ ތެރޭގައި އެތަނުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ސައިމަން ވިދާޅުވިއެވެ.

އެޗްޑީސީން ބުނީ، ވޯޓާ ތީމް ޕާކު ހުންނާނީ ހުޅުމާލޭ ނިރޮޅު މަގުގައި، ޔޫތު ޕާކާ ޖެހިގެން ކަމަށެވެ.

އެތަނުގައި ހުންނަ ފެސިލިޓީތަކުގެ ތެރޭގައި ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ވޯޓާ ސްލައިޑްސް، ކުޑަކުދިންގެ ޕޫލް، ބަމްޕަރ ބޯޓްސް، ވޯޓާ ހައުސް، ވޯޓާ ރޯލާޒް، ވޯޓާ ގައިރޯ، އަކުއާ ލޫޕްސް، ފައުންޓަން ސްކޮއާރ އަދި ފެން ކޯރުތައް ހިމެނެއެވެ.

މީގެ އިތުރުން، އެތަނާ އެކު އެސަރަހައްދުގައި ފުޑް އެންޑް ބެވެރޭޖް އައުޓްލެޓްތަކާއި ހޮޓަލެއްވެސް ތަރައްގީ ކުރާނެކަމަށް އެޗްޑީސީން ބުނެއެވެ.

comment ކޮމެންޓް