މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އިން މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން، މޫސުން ތަންނުދޭތީ ކެންސަލްކޮށްފިއެވެ.
އެމްއެންޑީއެފް އިންފޯމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، "އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެއްސި ޕެރޭޑް ވަނީ، މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފައި،" ކަމަށެވެ.
27 ޖުލައި 2017: މިނިވަން ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯއިން އިސްނަގައިގެން ކުރިޔައް ގެންދިޔަ ޕެރޭޑުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ރާއްޖޭގެ މިނިވަންކަމަށް 52 އަހަރު ފުރުމުގެ މުނާސަބަތުގައި، ގައުމީ ދިފާޢީ ބާރުން މިއަދު ހަވީރު 16:30ގައި ހުޅުމާލޭގައި ބޭއްވުމަށް ތާވަލުކުރި ޝަރަފްގެ ހިނގާލުން ކެންސަލްކޮށްފައި ވާއިރު، އަލުން އެ ހިނގާލުން ބާއްވާނަމަ އެކަން ދުރާލައި އަންގާނޭ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން، އިއްޔެ ހަވީރު މާލޭގައި ވަނީ، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ)އާއި މާލޭގެ ސްކޫލްތަކާ ގުޅިގެން މަޖީދީ މަގުގައި ޚާއްސަ ޕެރޭޑެއް ބާއްވައިފައެވެ.