އެމެރިކާގެ އަސްކަރިއްޔާއިން ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތަކާ ގުޅުން ކަނޑާލައިފި

އެމެރިކާ އިސްވެ އޮވެ ސޫރިއާގައި ހަރަކާތްތެރިވާ ގުޅިފައިވާ ކޯލިޝަންގެ ތަރުޖަމާން ކާނަލް ރިޔާން ޑިލަން (ވ)، ޖުލައި 13 ވަނަ ދުވަހު ޕެންޓަގަންގައި އޮތް ޕްރެސްއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: އޭއެފްޕީ

މީގެ ކުރީން އެމެރިކާގެ މަދަދު ލިބެމުން ދިޔަ ސީރިއާގެ އިދިކޮޅު ހަނގުރާމަވެރީންގެ ޖަމާއަތެއް ކަމަށްވާ، ޝުހަދާ އަލް ޤަރްޔަތައިންއާ ގުޅުން ކަނޑާލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އެމެރިކާ އަސްކަރިއްޔާގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީން ބުނީ، އައިސިސްގެ ހަނގުރާމަވެރީންނާ ދެކޮޅަށް ހަމަލާދިނުމުގެ ބަދަލުގައި ޝުހަދާ އަލް ޤަރްޔަތައިން އިން ސީރިއާގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަކުރަމަ ފަށާފައި ވާތީ އެ ޖަމާއަތާއެކު ބާއްވާ ހުރިހާ ގުޅުންތަކެއް ކަނޑާލަން އެމެރިކާ އަސްކަރިއްޔާއިން ނިންމީ ކަމަށެވެ.

އެމެރިކާ އިސްވެ އޮވެ ސީރިއާގެ ދެކުނުގައި ހަރަކާތްތެރިވަމުންދާ ކޯލިޝަން ހަނގުރާމައިގެ ލަޝްކަރުން ދަނީ، ޝުހަދާ އަލް ޤަރްޔަތައިންގެ ހަނގުރާމަވެރީންނަށް އަސްކަރީ ތަމްރީނާއި ހަތިޔާރު ފޯރުކޮށްދެމުންނެވެ.

"އައިސިސް އާ ދެކޮޅަށް މަސައްކަތްކުރުމުގެ ބަދަލުގައި އެމީހުން ދަނީ، އެމެރިކާގެ ނުވަތަ، ގުޅިފައިވާ ލަޝްކަރުގެ ހުއްދައެއް ވެސް ނެތި، ޕެޓްރޯލްކުރުމަށް ހާއްސަކުރެވިފައިވާ ސަރަހައްދުން ބޭރުގައި ހަރަކާތްތެރިވަމުން،" ގުޅިފައިވާ ލަޝްކަރުގެ ތަރުޖަމާނު ކާނަލް ރިޔާން ޑިލަން ވިދާޅުވިއެވެ.

"ސީރިއާގައި އައިސިސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މި ގްރޫޕަކީ ގުޅިފައިވާ ލަޝްކަރުގެ ވަރަށް ބޮޑު ބައިވެރިއެއް. އެހެންނަމަވެސް މީގެ ފަހުން، އެމީހުންގެ އޮޕަރޭޝަންތަކަށް ކޯލިޝަންގެ އެހީތެރިކަމެއް ނުލިބޭނެ."

ޝުހަދާ އަލް ޤަރްޔަތައިނަކީ، އުރުދުންގެ ބޯޑަރު ސަރަހައްދުގައި ގުޅިފައިވާ ލަޝްކަރުން ޓްރެއިނިން ކޭމްޕެއް ހިންގާ ހިސާބުގަނޑެއްގައި ގާއިމްވެފައިވާ ޖަމާއަތެކެވެ.

ޑިލަން ވިދާޅުވީ، ޝުހަދާ އަލް ޤަރްޔަތައިންއަށް ގުޅިފައިވާ ލަޝްކަރުން ދީފައިވާ ހަތިޔާރުތައް އަތުލުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ ޖަމާއަތުގައި ތިބީ ކިތައް ހަނގުރާމަވެރީންކަމެއް އޭނާ ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް