އިންޓަ ކޮލެޖް ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގައުމީ ޔުނިވާސިޓީން ހޯދައިފި

އިންޓަ ކޮލެޖް ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގައުމީ ޔުނިވާސިޓީ: އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ވިލާ ކޮލެޖް ބަލިކޮށްގެން --- ފޮޓޯ/ ނެޓްބޯލް އެސޯސިއޭޝަން

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ފުރަތަމަ އިންޓަ ކޮލެޖް/ޔުނިވާސިޓީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގައުމީ ޔުނިވާސިޓީން ހޯދައިފިއެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން ގައުމީ ޔުނިވާސިޓީން ހޯދީ އިއްޔެ ކުޅުނު ފައިނަލުގައި ވިލާ ކޮލެޖްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ފައިނަލުގައި ގައުމީ ޔުނިވާސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން އެ މެޗު ކާމިޔާބުކުރީ 53-8 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގައުމީ ޔުނިވާސިޓީގެ އަނާން އަލީ ރަޝީދެވެ.

އެ މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ މަގާމަށް ހޮވުނީ ގައުމީ ޔުނިވާސިޓީގެ އައިޝަތު އަނާން އަނިލާއި އެ ޓީމުގެ ފާތިމަތު ނައުފާއާއި އެ ޓީމުގެ އަނާން އަލީ ރަޝީދާއި ހަމަ އެ ޓީމުގެ އައިމިނަތު އީމާން އަބްދުލް ގަފޫރާއި ވިލާ ކޮލެޖްގެ ޖޫޒާން ޚަލީލާއި އެ ޓީމުގެ ނަފްހާ އަހްމަދު އާސިމް އަދި އިސްލާމިކް ޔުނިވާސިޓީގެ ފަރިޔާލް އަލީއެވެ.

މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ އިންޓަ ކޮލެޖް ނެޓްބޯޅަ މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވާދަކުރިއެވެ. އެއީ ވިލާ ކޮލެޖާއި ގައުމީ ޔުނިވާސިޓީއާއި މޯލްޑިވްސް ބިޒްނަސް ސްކޫލާއި އެވިޑް ކޮލެޖް އަދި އިސްލާމިކް ޔުނިވާސިޓީއެވެ.

comment ކޮމެންޓް