ތުހުމަތުކުރާ މައްސަލައާ ގުޅުން ހުރި އެއްވެސް އެއްޗެއް ކުނޫޒުން ނުފެނުނު

މ. ކުނޫޒް: އެތަން ބަލައި ފާސްކުރުމުން ތުހުމަތު ކުރާ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ނުފެނުނު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކޯޓު އަމުރެއްގެ ދަށުން ރޭ ޖުމްހޫރީ ޕާޓީގެ މައި އޮފީހާއި އެ ޕާޓީގެ ޖަލްސާތައް ބާއްވާ މ. ކުނޫޒް ބަލައި ފާސް ކުރި ނަމަވެސް ތުހުމަތު ކުރާ މައްސަލައާ ގުޅުން ހުރި އެއްވެސް އެއްޗެއް ފުލުހުންނަށް ނުފެނުނެވެ.

ކުނޫޒް ބަލައި ފާސްކުރުމުގެ އަމުރުގައިވާ ގޮތުން އެތަން ބަލައި ފާސްކޮށްފައި ވަނީ، އިދިކޮޅު ފަރާތްތަކުން އިސްކޮށް ތިބެ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ހިންގުމަށް ދަތިކުރުމާއި ސަރުކާރު ވައްޓާލުމަށް ސައްލާކޮށް ރޭވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރަސްމީ މަސައްކަތްތަކަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުގައި އެކަމާ ގުޅޭ ހެއްކާ ގަރީނާ ހޯދުމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އަރީފް ސޮއިކުރައްވައި ނެރެދެއްވާފައިވާ ކޯޓު އަމުރުގައިވާ ގޮތުން ކުނޫޒް ފާސްކުރުމަށް އިއްޔެ ހަވީރު 6:00 އިން ފެށިގެން ތިން ދުވަހުގެ މުއްދަތެއް ފުލުހުންނަށް ދީފައިވެ އެވެ.

މައްސަލައާ ގުޅިގެން ބަލައި ހޯދަން ބޭނުންވާ ތަކެތީގެ ތެރޭގައި ހިމެނެނީ، ކުނޫޒުގައި ސަރުކާރު ބަދުނާމުވާ ގޮތަށް ލިޔެފައިވާ ލިޔެކިއުންތަކާއި، ބެނާތަކާއި ފޮތިތަކުގެ އިތުރުން ސީސީޓީވީ ފުޓޭޖް އެވެ.

އެހެން ނަމަވެސް ކުނޫޒް ބަލާ ފާސްކުރުމަށް ފަހު ތަންތަންބަލައި ފާސްކުރުމާ ބެހޭ ފޯމުގައި ފުލުހުން ވަނީ އެތަނުން އެކަމާ ގުޅޭ އެއްވެސް އެއްޗެއް ނުފެނުނު ކަމަށް ބަޔާންކޮށްފަ އެވެ.

comment ކޮމެންޓް