ރަންބީރާއި މާހިރާ އާދެމެދު ލޯބީގެ ގުޅުމެއް؟

ބޮލީވުޑުގެ ހުނަރުވެރި ބަތަލާ ރަންބީރު ކަޕޫރު އާއި ޕާކިސްތާން އެކްޓްރެސް މާހިރާ ޚާން އާދެމެދު ވަރަށް ގާތް ގުޅުމެއް އުފެދި އެ ގުޅުން މަޑުން މަޑުން ލޯތްބަށް ބަދަލުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޝާހުރުކް ޚާން އާއެކު ފިލްމު 'ރައީސް' އިން ފެނިގެން ދިޔަ މާހިރާ އާއި ރަންބީރު ބައްދަލުވީ ދުބާއީގައި ކުރިއަށް ދިޔަ އިވެންޓަކުންނެވެ. އެ އިވެންޓުގެ ތެރެއިން ދެމީހުން ވަރަށް ބޮޑު ވާހަކައެއްގައި ތިބޭ ވީޑިއޯ އެއް ވެސް މީގެ ކުރިން ވަނީ އާންމުވެފަ އެވެ.

ފުރަތަމަ ބައްދަލުވުމުން ފެށިގެން ވެސް ދެމީހުންގެ މެދުގައި ވަރަށް ގާތް އެކުވެރި ކަމެއް ވަނީ އުފެދިފަ އެވެ. ނަމަވެސް މިހާރު އެ ދެމެދުގައި އޮތީ ހަމައެކަނި އެކުވެރިކަން ނޫން ކަމަށް ރަންބީރުގެ އެކުވެރިޔަކު މިވަނީ ހާމަކޮށްފަ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އޭނާ ބުނެފައި ވަނީ މާހިރާ އާއި ބެހޭ ގޮތުން ރަންބީރު ވަރަށް ގިނައިން ވާހަކަ ދައްކާ ކަމަށާއި އަދި ފޯނުގައި ހުރި މާހިރާގެ ފޮޓޯތައް ވެސް އެކުވެރިންނަށް ދައްކާ ކަމަށެވެ.

ރަންބީރު ވަނީ މީގެ ކުރިން މާހިރާގެ ރީތިކަމަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ. އަދި މާހިރާ ވެސް ވަނީ މިހާރު އަރަމުން އަންނަ ބޮލީވުޑް ފަންނާނުންގެ ތެރެއިން އޭނާ އަށް އެންމެ ކަމުދަނީ ރަންބީރު ކަމުގައި ބުނެފަ އެވެ.

މާހިރާ މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާ އިރު، އެ ކައިވެންޏަށް ފިރިހެން ކުއްޖަކު ވެސް ވަނީ ލިބިފަ އެވެ. ދެހާސް ހަތް ވަނަ އަހަރު ކުރި އެ ކައިވެނި ރޫޅުނީ 2015 ވަނަ އަހަރު އެވެ.

ބޮލީވުޑުގައި ޕާކިސްތާން ފަންނާނުން މަސައްކަތް ކުރުން މަނާކޮށްފައި ވާއިރު، ރަންބީރާއި މާހިރާ އެއް ފިލްމަކުން ފެނުމުގެ ފުރުސަތު ދެން ނުލިބިދާނެ އެވެ. ނަމަވެސް އިންޑިއާ-ޕާކިސްތާން ބޯޑަރު ހުރަސްކޮށް ދެމީހުން މިވަނީ ބަދަހި ގުޅުމެއް އުފައްދައިފަ އެވެ.

comment ކޮމެންޓް