ވިލިމާލޭގައި ދުއްވާ އުޅަނދު ގިނަވާތީ ފުލުހުން އެކަން ބަލަނީ

ވިލިމާލޭގައި ސައިކަލްތަކެއް ޕާކްކޮށްފައި: އަމާން އެއަވަށް ވަނީ ބިރުވެރިކަމެއްގެ ތެރޭގައި-- ފޮޓޯ: ކިޔުންތެރިއެއް

ވިލިމާލޭގައި އުޅަނދު ދުއްވާ މިންވަރު އިތުރުވާކަން ފާހަގަ ކުރެވޭ ކަމަށާއި އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ހިތްފަސޭހަ ވިލިމާލެއަކީ އާންމުކޮށް އިންޖީނުލީ އުޅަނދު ދުއްވުން މަނާ އަވަށެކެވެ. މިފަހަކުން އެރަށުގައި ބެޓެރި ސައިކަލް ވިއްކަން ފެށުމާއެކު ގިނަ ބަޔަކު ދަނީ ބެޓެރި ސައިކަލް ދުއްވަމުންނެވެ. އެއާއެކު ކުރިން އަމާންކޮށް އޮތް ވިލިމާލެ މަގުތައް ވަނީ ހަލަބޮލިވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެއަވަށުގައި ދުއްވާ ވެހިކަލްގެ އަދަދު އިތުވާކަން ފާހަގަކުރެވި އެކަން ހައްލުކުރަން ކަމާބެހޭ އިދާރާތަކާއި ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

"ވިލިމާލެއަކީ ރައްކާތެރި އަމާން އަވަށެގެ ގޮތުގައި ބޭއްވުމަށް ކަމާބެހޭ ފަރާތްތަކާއެކު މިދަނީ މަޝްވަރާ ކުރަމުން، އުޅަނދު ގިނަވާކަން ފާހަގަކުރެވޭ،" އޮފިޝަލް ވިދާޅުވިއެވެ.

ބެޓެރި ސައިކަލްތައް އިތުރުވުމާއެކު ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ ކުރިން އުޅޭހެން މަގުތަކުގައި ފަސޭހައިން ހިނގާވެ ބިނގާވެ ނޫޅެވުމާއި އެސައިކަލްތައް ބާރަށް ދުއްވާތީ އެކްސިޑެންޓެއް ހިނގުމުގެ ނުރައްކާ ބޮޑުކަމުންނެވެ.

comment ކޮމެންޓް