މަޖިލީހުގައި ތަޅުއެޅުވި މައްސަލަ ބަލާނަން: ރޮޒައިނާ

ސަރުކާރާއި އިދިކޮޅު މަޖިލިސް މެމްބަރުން މަޖިލީހަށް ދިއުމަށް ކުރިއަށް ދަނީ-- ސަން ފޮޓޯ: ހުސެއިން ހަސަން

ާރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ތަޅުއެޅުވި މައްސަލަ ބަލާނެ ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ސިފައިން މަޖިލީހުގައި ތަޅުއަޅުވައި ގޭޓްތައް ބަންދުކޮށްފައި މިވަނީ އިދިކޮޅު މެމްބަރުން މިއަދު މަޖިލީހަށް ވަންނާނެ ކަމަށް ބުނެފައިވަނިކޮށެވެ.

ކުނޫޒުގައި ހުންނަވައި މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އެކަންކުރިބައެއް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭގޮތަށް ތަޅުނޭޅުވޭނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

މިއަދު މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކުރުމަށް ރޮޒައިނާ ވަނީ މަޖިލީހުގެ އާމީން އާންމް އަށް ގޮވާލާފަ އެވެ. އަދި އެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުގެ މައްސަލަ އެޖެންޑާ ކުރަން ޖެހޭނެ ކަމަށްވސް ރޮޒައިނާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ދާން މ.ކުނޫޒުން މިއަދު ނުކުތްތަނުން ފުލުހުން ވަނީ ކުރިއަށް ނުހިނގޭގޮތަށް މަގު ބަންދުކޮށްފަ އެވެ. ނަމަވެސް މިހާރު ވަނީ އެމެމްބަރުންނަށް ދެވޭގޮތަށް މަގު ހުޅުވާލާފައެވެ.

މަޖިލީހުގެ ގޭޓްތަކުން ވަދެވޭނީ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް އެކަނި ކަމަށް މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިން ބުނެފައިވާ ކަމަށް މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް