ގާސިމް ބޭރަށް ނުފޮނުވައިގެން އެޗުއާރުސީއެމް އަށް ހުށަޅައިފި

އިދިކޮޅު ކޯލިޝަންގައި ހިމެނޭ މަޖިލިސް މެމްބަރުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހިތުގެ މައްސަލަތަކެއް ކުރިމަތިވެ، މިހާރު އޭޑީކޭގެ އައިސީޔޫގައި އެޑްމިޓްކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ނުފޮނުވި މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅައިފި އެވެ.

ގާސިމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ މޭގައި ރިއްސައި، ނޭވާލުމަށް އުނދަގޫވި ކަމަށް ބުނެ އެވެ. ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓް ހިފަހައްޓާފައި ވުމުން ގާސިމް އިބްރާހީމަށް ރާއްޖޭން ބޭރަށް ފުރޭ ގޮތް ވަނީ ނުވެފަ އެވެ.

ގާސިމްގެ ގާނޫނީ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާސިމްގެ ހާލުކޮޅު ދަނީ ދައްވަމުން ކަމަށެވެ.

އަދި ކަމާ ބެހޭ ފަރާތްތަކުގައި ތަކުރާރުކޮށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދެއްވުމަށް އެދިފައިވީ ނަމަވެސް ހުއްދަ ދެއްވާފައި ނުވާތީ އެ މައްސަލަ އެޗްއާރުސީއެމަށް ހުށާހަޅާފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"އެކޮމިޝަނަށް ލިބޭ ޤާނޫނީ ބާރުގެ ދަށުން އެމައްސަލައާގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ވެސް އެކޮމިޝަނުގައި ވަނީ އެދިފައި" ގާސިމްގެ ގާނޫނީ ވަކީލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ގާސިމް ބައްލަވާ އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރު ވިދާޅުވެފައި ވަނީ އިމަޖެންސީކޮށް ގާސިމްގެ ހިތުގެ ސްކޭނެއް ހަދަން ޖެހޭ ކަމަށެވެ.

ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލައިފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުގެ މައްސަލާގައި މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިންކަމަށް ކުރާ ތުހުމަތާ ގުޅިގެން ކޮށްފައިވާ ތިން ދައުވާ އެވެ.

comment ކޮމެންޓް