އެމެރިކާގެ ރައްޔިތުން އުތުރު ކޮރެއާއަށް ދިޔުން މަނާކުރަނީ

އެމެރިކާގެ އާގަވާއިދު ތައާރަފް ކުރުމުން އެގައުމުގެ ރައްޔިތުން އުތުރު ކޮރެއާއަށް ދިޔުމަށް ހާއްސަ ހުއްދައެއް ބޭނުން ވާނެ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖުލައި 22): އެމެރިކާގެ ރައްޔިތުން އުތުރު ކޮރެއާއަށް ދިޔުން މަނާ ކުރަން ނިންމާފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނެފި އެވެ.

އެބަޔާނުގައިވާ ގޮތުން އަންނަ ހަފްތާ ތެރޭގައި އެގަވާއިދު ތައާރަފްކޮށް، އޭގެ 30 ދުވަސް ފަހުން ގަވާއިދަށް އަމަލު ކުރަން ފަށާނެ އެވެ. އަދި އެއަށް ފަހު އެމެރިކާ ރައްޔިތުން އުތުރު ކޮރެއާއަށް ދިޔުމަށް ޓަކައި ހާއްސަ ހުއްދައެއް ބޭނުންވާނެ އެވެ.

ސްޓޭޓް ޑިޕާޓްމެންޓުގެ ތަރުޖަމާނު ހެދާ ނޮއާޓް ވިދާޅުވި ގޮތުގައި ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެފަދަ ނިންމުމެއް ނިންމެވީ އުތުރު ކޮރެއާއަށްދާ އެމެރިކާގެ ރައްޔިތުން "ހައްޔަރު ކުރުމާއި ދިގު މުއްދަތަކަށް ބަންދުގައި ބެހެއްޓުމުގެ ނުރައްކާ އިތުރުވުމުގެ" ސަބަބުންނެވެ.

އުތުރު ކޮރެއާގައި މަސައްކަތް ކުރާ ޓުއާ ގްރޫޕެއް ކަމަށްވާ ޔަންގް ޕައޮނިއާ ޓުއާސްއިން ބުނި ގޮތުގައި އެމެރިކާގެ އެދުމުގެ މަތިން ސުވިޑެންގެ އެމްބަސީން ދަނީ އުތުރު ކޮރެއާގައި މިހާރު ތިބި އެމެރިކާގެ ފަތުރުވެރިންގެ އަދަދު ބެލުމަށް މަސައްކަތް ކުރަމުންނެވެ. ސްވިޑެންގެ އެމްބަސީން އެމަސައްކަތް ކުރުމަށް އެމެރިކާ އިން އެދިފައި ވަނީ އެގައުމާއި އުތުރު ކޮރެއާއާ އެއްވެސް ހާރިޖީ ގުޅުމެއް ނޯންނާތީ އެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެގަވާއިދު ތައާރަފްކޮށްފައި ވަނީ އުތުރު ކޮރެއާ އިން 15 މަސްވަންދެން ހައްޔަރުކޮށްފައި ބެހެއްޓި އެމެރިކާ ދަރިވަރު އޮޓޯ ވާމްބިއާގެ މަރާ ގުޅިގެންނެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ޑިސެމްބަރު މަހު އުތުރު ކޮރެއާއަށް ދިޔުމަށް ފަހު ޖެހިގެން އައި މަހު އެގައުމުން ފުރައިގެން ދާން މަސައްކަތް ކުރުމުން ހައްޔަރު ކުރި ވާމްބިއާ އެމެރިކާއަށް ފޮނުވާލީ މިދިޔަ މަހުގަ އެވެ. ކޯމާއެއްގައި އޮންނަތާ އަހަރެއްހާ ދުވަސް ފަހުން އެމެރިކާއަށް ފޮނުވާލި ވާމްބިއާ އޭގެ ހަފްތާއެއް ފަހުން މަރުވި އެވެ. (ބީބީސީ)

comment ކޮމެންޓް