އީރާނާއި އެެމެރިކާއާއި ދެމެދު ހިނގަމުންދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމާއެކު މެދުއިރުމަތީގެ ކަނޑުގެ ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ބިރުވެރިކަމުގެ ސަގާފަތަށް ނިމުން އައިސް ދުނިޔޭގެ އިގުތިސާދުގެ ވިންދު ކަމަށްވާ ހަކަތައިގެ ބާޒާރަށް މުހިންމު ހޮރްމުޒް ކަނޑުއޮޅި އަލުން ހުުޅުވާލައި، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުމަތީގެ ބްލޮކޭޑް ވަގުތުން އުވާލުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ.
މިއީ އެތައް މަހެއް ވަންދެން ދުނިޔެ ދުށް ހަނގުރާމައިގެ ބިރުވެރިކަމަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.
މި ތާރީޚީ ނިންމުން އިއުލާނުކުރައްވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވި ގޮތުގައި، "އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން" ގެ ނަމުން ނަންދެވިފައިވާ މި އެއްބަސްވުމުގައި އެމެރިކާއާއި އީރާނުން މިހާރު ވަނީ އިލެކްޓްރޯނިކްކޮށް ސޮއިކޮށްފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިއީ ވަގުތުން އަމަލުކުރަން ފަށާނެ އެއްބަސްވުމެކެވެ. އަދި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އީރާނުން ވަގުތުން ހޮރުމުޒް ކަނޑުއޮޅި ހުޅުވާލާއިރު، އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ވަގުތުން އުވާލާނެ ކަމަށް ޝެހެބާޒް ވިދާޅުވިއެވެ.

ހުރްމުޒް ކަނޑުއޮޅީގައި އުޅަނދުތައް ބަނދަރުކޮށްފައި. ފޮޓޯ/ރޮއިޓާސް
މި ބޮޑު ކާމިޔާބީ ފާހަގަކުރުމަށާއި، ކުރިއަށް އޮތް ފަންނީ މަޝްވަރާތައް ފެށުމަށްޓަކައި ހުކުރު ދުވަހު ސްވިޓްޒަލޭންޑްގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި މި ރަސްމިއްޔާތު ބާއްވަނީ ގަތަރުގެ އެހީތެރިކަމާއެކު ޕާކިސްތާނުން އިސްނަގައިގެންނެވެ. މިއީ ސުލްހައިގެ މަގުގައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މި އެއްބަސްވުމާ ގުޅިގެން ޝެހެބާޒް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޑިޕްލޮމެސީއަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، އީރާނުގެ ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީ އާއި ރައީސް މަސްއޫދު ޕެޒެޝްކިއާން ދެއްކެވި ހިކުމަތްތެރިކަމަށް އޭނާ ތައުރީފުކުރެއްވިއެވެ.
ސުލްހައިގެ މި މަޝްވަރާތަކުގައި ގަތަރުގެ އިތުރުން، ތުރުކީ، ސައުދީ އަރަބިއްޔާ އަދި މިސްރުން އަދާކުރި މުހިންމު ދައުރުވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މިއާއެކު، އެކަމުގެ ސަބަބުން އެތައް ދުވަހެއް ވަންދެން ހުއްޓިފައި އޮތް ކަނޑުބޯޓުފަހަރުގެ ދަތުރުތައް އަލުން ފެށި، ދުނިޔޭގެ އިގުތިސާދަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.