އެމެރިކާގައި ޖެހިޖެހިގެން ހަތަރު ދުވަހުގެ ތެރޭގައި މަތިންދާބޯޓު ވެއްޓުމުގެ ހަތަރު ހާދިސާއެއް ހިނގައި، ޖުމްލަ 21 މީހުން މަރުވެއްޖެއެވެ.
މި މަހުގެ 13 އިން 16 އަށް ހިނގި މި ހާދިސާތަކަކީ އެމެރިކާގެ އޭވިއޭޝަން ދާއިރާއަށް ކުރިމަތިވި ވަރަށް ހިތާމަވެރި ހަފުތާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަސްކަރީ ދެ ބޯޓަކާއި، ސްކައިޑައިވްކުރަން ބޭނުންކުރާ ބޯޓެއްގެ އިތުރުން ޕްރައިވެޓް ޖެޓެއް ވެއްޓުމާ ގުޅިގެން، އާންމުންގެ މެދުގައި ވަނީ ސަލާމަތީ ކަންކަމާމެދު ކަންބޮޑުވުން އުފެދިފައެވެ.
މި ހަތަރު ހާދިސާގައިވެސް ޝާމިލުވަނީ ބޮޑެތި އެއާލައިންތަކުން އޮޕަރޭޓުކުރާ ކޮމާޝަލް ފަސިންޖަރު ބޯޓުތަކާ ޚިލާފަށް، ތަފާތު ގަވާއިދުތަކެއްގެ ދަށުން އުދުހޭ ބޯޓުތަކެކެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ މި ހާދިސާތައް ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށްޓަކައި ވަކިވަކިން ތަހުގީގުތައް ކުރިއަށްގެންދަމުންނެވެ.

މި ހާދިސާތަކުގެ ތެރެއިން ދެ ހާދިސާއެއްގައި އެއްވެސް މީހަކު ސަލާމަތްވެފައި ނުވާއިރު، މިއީ ފަހުގެ ތާރީޚެއްގައި މިހާ ގާތްގާތުގައި މިފަދަ ގިނަ ހާދިސާތަކެއް ހިނގި ފުރަތަމަ ފަހަރެވެ.
މި ސިލްސިލާ ހާދިސާތަކުގެ ތެރެއިން ފުރަތަމަ ހާދިސާ ހިނގީ މިދިޔަ ހޮނިހިރު ދުވަހު ވޮޝިންޓަންގެ ޔަކީމާ ކައުންޓީގައެވެ. އެމެރިކާގެ މެރިން ކޯޕްސްގެ "އެފް/އޭ-18 ހޯނެޓް" މަރުކާގެ ފައިޓާ ޖެޓެއް އާންމު ތަމްރީނުތަކެއްގައި އުޅެނިކޮށް ވެއްޓުނު ނަމަވެސް، ޕައިލެޓު ވަނީ ޕެރަޝޫޓެއްގެ އެހީގައި ބޯޓުން ފުންމާލައި ސަލާމަތްވެފައެވެ. ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ޕައިލެޓަށް ކުދި އަނިޔާތަކެއް ލިބިގެން ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ.
ބޯޓު ވެއްޓުމުގެ ސަބަބުން ރިމްރޮކް ލޭކް ސަރަހައްދުގެ ޖަންގަލީގައި އަލިފާން ރޯވުމާއެކު، ނޭޗެސް ފަޔާ ޑިޕާޓްމަންޓުން ވަނީ ކޭމްޕުކުރަން ގޮސްތިބި މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
އޭގެ އަނެއް ދުވަހު، މިސޫރީގެ ބަޓްލާގައި ސްކައިޑައިވްކުރަން އުޅުނު "ޕީއޭސީ ޕީ-750" މަރުކާގެ ބޯޓެއް ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވެއްޓި، އޭގައި ތިބި 11 ޕަސިންޖަރުންނާއި ޕައިލެޓު ވަނީ މަރުވެފައެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޯޓު ވެއްޓުނީ މައްޗަށް އެރޭގޮތް ނުވެގެންނެވެ. މަރުވި މީހުންގެ ތެރޭގައި ތަޖުރިބާކާރު ނުވަ ސްކައިޑައިވަރުންނާއި، އިންސްޓްރަކްޓަރުންނާއެކު ފުންމާލަން ތައްޔާރުވެގެން ތިބި ދެ މީހުން ހިމެނެއެވެ. މީގެ ތެރޭގައި މިއުޒިކް ޓީޗަރަކާއި ވިއެޓްނާމް ހަނގުރާމައިގެ ވެޓެރަންއެއް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ 2019 ވަނަ އަހަރަށްފަހު އެމެރިކާގައި ހިނގި ސްކައިޑައިވިން ބޯޓެއްގެ އެންމެ ނުރައްކާތެރި ހާދިސާއެވެ.

ތިންވަނަ ހާދިސާ ހިނގީ ޖޫން 15 ވަނަ ދުވަހު ކެލިފޯނިއާގެ އެޑްވާޑްސް އެއާ ފޯސް ބޭސްގައެވެ. ރާޑަރު މޮޑަނައިޒްކުރުމުގެ ޓެސްޓަކަށް ނައްޓާލި "ބީ-52" މަރުކާގެ ބޮމްބާ ބޯޓެއް ރަންވޭ މައްޗަށް ވެއްޓި ގޮވުމުގެ ސަބަބުން، އޭގައި ތިބި އަށް ފަޅުވެރިން ވަނީ މަރުވެފައެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި އަސްކަރީ ސިފައިންނާއި، ސަރުކާރުގެ އާންމު މުވައްޒަފުންގެ އިތުރުން ކޮންޓްރެކްޓަރުން ހިމެނެއެވެ. މި ހާދިސާއާ ގުޅިގެން އެ ބޭސްގެ އުދުހުންތައް ވަގުތީގޮތުން މެދުކަނޑާލައި، ޒިޔާރަތްކުރާ މީހުންނަށް ދޫކުރާ ފާސްތައް ވަނީ ކެންސަލްކޮށްފައެވެ.
މިއީ 1982 ވަނަ އަހަރަށްފަހު ބީ-52 މަރުކާގެ ބޯޓަކަށް ދިމާވި އެންމެ ހިތާމަވެރި ހާދިސާއެވެ.
ހަތަރުވަނަ ހާދިސާ ހިނގީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ޓެކްސަސްގެ ލަރީޑޯގައެވެ. މެކްސިކޯއިން ފުރައިގެން އައި "ސެސްނާ ސައިޓޭޝަން ލެޓިޓިއުޑް" މަރުކާގެ ޕްރައިވެޓް ޖެޓެއް ހައިވޭއެއްގެ މައްޗަށް ވެއްޓި، އޭގައި ތިބި ހަ މީހުންގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ.
ނެޓްޖެޓްސް ކުންފުނިން އޮޕަރޭޓުކުރި މި ބޯޓު ވެއްޓުނީ އެއާޕޯޓަށް ތިރިކުރަން އުޅުމުގެ ތެރޭގައި ދިމާވި މައްސަލައަކާ ގުޅިގެންނެވެ. ބޯޓު ވެއްޓުނު ވަގުތު މަގުމަތިން ދިޔަ ކާރެއްގައި ޖެހުނު ނަމަވެސް، އެ ސަރަހައްދުގައި ތިބި އާންމުންނާއި ފުލުހުންގެ އެހީތެރިކަމާއެކު ބޯޓުގައި ތިބި އަނެއް ފަސް މީހުން ވަނީ ސަލާމަތްކޮށްފައެވެ.

މި ހަތަރު ހާދިސާ ގާތްގާތުގައި ހިނގުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވީ ނަމަވެސް، ފްލައިޓް ސޭފްޓީ ފައުންޑޭޝަންގެ ރައީސް އަދި ސީއީއޯ ހަސަން ޝާހިދީ ވިދާޅުވި ގޮތުގައި މިއިން އެއްވެސް ހާދިސާއެއް އަނެއް ހާދިސާއަކާ ގުޅުމެއް ނެތެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކޮންމެ ބޯޓަކީވެސް ތަފާތު އޮޕަރޭޝަންތަކެއްގައި ބޭނުންކުރި ތަފާތު މަރުކާތަކެއްގެ ބޯޓުތަކެކެވެ. މި ބޯޓުތަކަކީ އާންމު ކޮމާޝަލް ފްލައިޓުތަކާ ޚިލާފަށް ތަފާތު ގަވާއިދުތަކެއްގެ ދަށުން އޮޕަރޭޓުކުރާ ބޯޓުތަކެކެވެ.
މިސާލަކަށް ސްކައިޑައިވިން ބޯޓުތައް އޮޕަރޭޓުކުރަނީ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) ގެ "ޕާޓް 91" ގަވާއިދުގެ ދަށުންނެވެ. މިއީ އާންމު އެއާލައިންތަކަށްވުރެ ލުއި ގަވާއިދުތަކެކެވެ.
އަސްކަރީ ދެ ބޯޓުގެ މައްސަލަ އެމެރިކާގެ އަސްކަރިއްޔާއިން ތަހުގީގުކުރަމުން އަންނައިރު، ސްކައިޑައިވިން ބޯޓާއި ޕްރައިވެޓް ޖެޓް ވެއްޓުނު ސަބަބު ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) އިން އަންނަނީ ތަހުގީގުކުރަމުންނެވެ.
އެންޓީއެސްބީން މިހާރު އަންނަނީ ބޯޓުތަކުގެ މެކޭނިކަލް މައްސަލަތަކާއި، އިންޖީނުގެ ހާލަތުގެ އިތުރުން ޕައިލެޓުންގެ ތަމްރީނުތައް ދިރާސާކުރަމުންނެވެ. މީގެ އިތުރުން، އެފްއޭއޭއިން މިފަދަ އޮޕަރޭޝަންތައް މޮނިޓާކުރާ މިންވަރުވެސް އެ ބޯޑުން ބަލަމުންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.