ފަލަސްތީނުން އިސްރާއީލާއެކު އޮތް ގުޅުންތައް މެދުކަނޑާލައިފި

މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު، ގުދުސްގައި ފަލަސްތީނުގެ ރައްޔިތުންނާއި އިސްރާއީލްގެ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލް ފުލުހުން ކަރުނަގޭސް ބޭނުންކުރަނީ -- ފޮޓޯ: ރޮއިޓާސް

ގުދުސްގައި ހުންނަ އަލް މަސްޖިދުލް އަޤްޞާއަށް، ފަލަސްތީނުގެ ރައްޔިތުން ވަނުމަށް ހުރަސްއަޅަމުންދާ މައްސަލައަށް ހައްލެއް ނުހޯދެނީސް އިސްރާއީލާއެކު ފަލަސްތީނުން އެއްވެސް ގުޅުމެއް ނުބާއްވާނޭ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވެފައި މިވަނީ، އިއްޔެގެ ހުކުރު ނަމާދަށް ދިޔަ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ހުރަސް އެޅުމާ ގުޅިގެން، ހިނގި ކުރިމަތިލުންތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެ، އެތަކެއް ސަތޭކަ މީހުން ޒަޚަމްވި ހާދިސާތަކަށް ފަހުއެވެ.

އައްބާސް ދެއްވި ތަގުރީރެއްގައި ވިދާޅުވީ، އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އަގްސާ މިސްކިތާއި އެ މިސްކިތުގެ ހަރިންމަ ހިމެނޭ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ސަލާމަތީ ފިޔަވަޅުތައް އެއްކޮށް ނައްތާނުލަނީސް، އިސްރާއީލާއެކު އެއްވެސް ގުޅުމެއް ނުބާއްވާނޭ ކަމަށެވެ.

"ފަލަސްތީނުގެ ލީޑަރޝިޕްގެ ފަރާތުން އަޅުގަނޑު އިއުލާނުކުރަން... އިސްރާއީލުން ހިސާރުކޮށްފައިވާ މަސްޖިދުލް އަގްޞާއާއި ގުދުސްގައި، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އެއްކޮށް އުވާނުލަނީސް އެގައުމާއެކު އެއްވެސް ގުޅުމެއް ނުބާއްވާނޭކަން،" ފަލަސްތީނުގެ ރައީސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ، އިސްރާއީލުން ސަލާމަތީ ފިޔަވަޅުތަކެއްގެ ނަމުގައި ކުރިއަށް ގެންދަނީ، އަގްސާ މިސްކިތަށް ވެރިވެގަނެ، އެތަން އެއްކޮށް އިސްރާއީލްގެ ބާރުގެ ދަށަށް ގެންދިއުމަށް ކުރިއަށް ގެންދާ މަކަރުވެރި ރޭވުންތަކެއް ކަމަށެވެ.

އިސްރާއީލުން ވަނީ އަގްސާ މިސްކިތަށް ވަދެވެން ހުރި ދޮރުތަކުގައި މެޓަލް ޑިޓެކްޓަރތައް ހަރުކޮށް، ފަލަސްތީނުގެ ރައްޔިތުން އެތަނަށް ވަނުމަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ. އިސްރާއީލުން މިފަދަ ފިޔަވަޅުތަކެއް އަޅާފައި ވަނީ، މީގެ ހަފްތާއެއްހާ ދުވަސް ކުރީން އެ ސަރަހައްދުގައި އިސްރާއީލުގެ ދެ ފުލުހަކު މަރާލުމާ ގުޅިގެންނެވެ.

ހުކުރު ދުވަހު ކުރިއަށް ދިޔަ އިހްތިޖާޖުތަކާ ގުޅިގެން އިސްރާއީލު ފުލުހުން ވަނީ، އުމުރުން 50 އަހަރުން މަތީގެ މީހުންނާއި އަންހެނުން ފިޔަވައި އިތުރު ބަޔަކަށް ގުދުސްއަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ.

އަގްސާ މިސްކިތަށް ނުވަދެވުމުން ގުދުސްގެ މަގުތަކުގައި ހުކުރު ނަމާދު ކުރި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލް ފުލުހުން ކަރުނަގޭހާއި އެހެނިހެން ބާރުގެ ބޭނުންކުރުމުން ފަލަސްތީނުގެ އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

comment ކޮމެންޓް