ބައިބައި ވުމަކީ މުސްލިމުންގެ ސިފައެއް ނޫން: ހުތުބާ

މާލޭގައި މީގެ ކުރީން ކުރި މުޒާހަރާއެއްގެ ތެރޭން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މުސާ

މުސްލިމުންނަކީ އެއް ބައެއް ކަމަށާއި ބައިބައިވުމަކީ މުސްލިމު އުންމަތެއްގައި އޮވެގެންވާނެ ކަމެއް ނޫންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި "އިސްލާމްދީނަކީ އެއްބައިވަންތަ ކަމުގެ ދީން" މި މައުޟޫއަށް އިއްވި ހުތުބާގައި ބުނެފައިވަނީ އިސްލާމީ އުންމަތެއްގެ ސިފައަކީ އެއްބައިވަންތަކަން ކަމަށާއި ބައިބައި ވުމަކީ އިސްލާމްދީން ހިތްވަރުދޭ ކަމެއް ނޫން ކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ އިސްލާމީ އުންމަތެއްގެ މިސާލަކީ އިންސާނެއްގެ ހަށިގަނޑުގެ މިސާލު ކަމަށާއި އެ ހަށިގަނޑުގެ އެއް ގުނަވަނެއްގައި ވޭން އަޅާނަމަ، މުޅި ހަށިގަނޑު ހޭލާ ހުރުމުންނާއި ހުންއައުމުން އެ ގުނަވަނާއި އެއްބައިވަންތަކަން ގާއިމުކުރާ ކަމަށެވެ.

ކީރިތި ރަސޫލާގެ ސުންނަތުންނާއި އެންމެ މާތް ފޮތް ކީރިތި ގުރުއާނުން މިސާލު ދައްކަމުން ހުތުބާގައި ބުނެފައިވަނީ މުއުމިނަކަށް ދަތި ހާލެއް ޖެހިފައިވަނިކޮށް އެހީތެރިވެއްޖެ މީހަކަށް ގިނަގުނަ ދަރުމަ ލިބިގެންވާކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ މުސްލިމު އުންމަތެއްގައި ދިރިއުޅޭ ބަޔަކު ދެބަސްވެ އަރާރުންވާނަމަ އެބަޔަކު ފިނޑިވެ އެބައެއްގެ ބާރު ހިނަގައިދާނެ ކަމަށެވެ. އަދި ބުނެފައިވަނީ ނަފްރަތުގެ މަގުން އެއްކިބާވެ އެއްބަނޑު އެއްބަފާ ކަމުގެ ގުޅުމާއި އުހުވަތްތެރިކަމުގެ ގުޅުން ބަދަހި ކުރުމަށް އިސްލާމްދިން ބާރު އާޅާކަމަށެވެ.

މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ އެއްބައިވަންތަ މުޖްތަމައެއް ހަލާކުކޮށްލަން އުނދަގޫވާނެ ކަމަށާއި އެހެން ކަމުން އިސްލާމްދިނުގެ ރިވެތި އުސޫލުތައް ދަމަހައްޓައި އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އެއްބަޔަކު އަނެއްބަޔަކާ ގުޅުން ބަދަހިކޮށް އެއްބައެއްގެ ގޮތުގައި ތިބުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

comment ކޮމެންޓް