"ނޯޓީ 40"ގެ ފޮނި ތަޖްރިބާއަށް ފަހު ''އަންމު''ގެ ވިސްނުން ބޮޑު ބަދަލަކަށް!

ނޯޓީ40ން ފިލްމީ ދާއިރާއަށް ތައާރަފްވި އަހްމަދު ޝަރީފް "އަންމު" އާއި ދިވެހި ފިލްމު "މަލިކާ" އިން ފިލްމީ އިންޑަސްޓްރީއަށް ތައާރަފްވެގެން ދިޔަ ނުޒުހަތް ޝުއައިބް "ނުޒޫ"-- ފޮޓޯ: ފޭސްބުކް

މިއަހަރުގެ "އެންމެ ބޮޑުފިލްމް"އަކީ ކޮބައިކަން މިހާރު ނޭނގިގެން އުޅޭކަށް ނުޖެހޭނެއެވެ. އެއީ މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު ޑައިރެކްޓުކުރާ "ނޯޓީ 40" ކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ދަނީ ވަރަށް ޔަގީންކަމާއެކު ބުނަމުންނެވެ. އެއީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ދިވެހި ފިލްމީ އިންޑަސްޓްރީގައި ހަރަކާތްތެރިވާ 18 ފަރާތެއް އެއް ފިލްމަކުން ފެނިގެންދާ "ނޯޓީ 40"އަކީ އެއް ފިލްމަކުން ހުރިހާ ރަހަތަކެއްގެ އަޖުމަ ބަލާލުމުގެ އެންމެ ފުރިހަމަ ފުރުސަތުކަމަށް މި ފިލްމުގެ ހުރިހާ ތަރިންވެސް އެއްބަސްވެއެވެ.

ނޯޓީ ފޯޓީ ގެ ޓުރެއިލަރ އަދި ޕޯސްޓަރު ރިލީސްކުރުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިފަހަރު މިގެނެސްދެނީ މިފިލްމާއެކު ދިވެހި ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވެގެންދާ ފަރާތެކެވެ. އެއީ އަހްމަދު ޝަރީފް ނުވަތަ އާންމު ނަމުންނަމަ "އައްމު" އެވެ.

ފިލްމުގެ ފުރުޞަތު ލިބުނީ ކިހިނެއްތޯ ސުވާލު ކުރުމުން އައްމު ބުނީ މިއީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތުމަތު ނަހުލާ އަދި މިފިލްމުގެ ޑައިރެކްޓަރު ޔޫއްޕެ ދިން ފުރުޞަތެއް ކަމަށެވެ.

ފިލްމުގައި އައްމު ފެނިގެންދާނީ މަންމައަކާ ނުލައި ބައްޕައަކު ބަލައިބޮޑުކޮށްފައި ހުރި ވަރަށް ހަރުދަނާ ފިރިހެން ދަރިއެއްގެ ރޯލުންނެވެ.

"ނޯޓީ 40" ފަދަ ބޮޑު ފިލްމަކުން، ފިލްމީ ދާއިރާގެ ފުންނާބު އުސް އެތަށް ތަރިންނަކާ އެކު ފިލްމުގައި ހަރަކާތްތެރިވާން ފުރުސަތު ލިބުމަކީ ވަރަށް އުފާވާ އަދި ތަފާތު އެތަށްކަމެއް ދަސްވެސްވި ކަމެއް ކަމަށް އަންމު ބުންޏެވެ.

"ނޯޓީ 40" އިން ފެނިގެންދާނެ އަހްމަދު ޝަރީފް (އަންމު) ----

މިއީ އައްމުގެ އެންމެ ފުރަތަމަ ފިލްމުކަމުންް ތަފާތު ޗެލެންޖުތަކާ ކުރިމަތިލާން ޖެހޭނޭކަން އެއީ ގަބޫލުކުރާން ޖެހޭ ހަގީގަތަކެވެ. އެގޮތުން އައްމު ބުނާގޮތުގައި ކެމެރާގެ ކުރިމައްޗަށް އަރައި ނެގި އެންމެ ފުރަތަމަ ޝޮޓަކީވެސް ޗެލެންޖެކެވެ. މީގެ އިތުރުން އައްމުއަކީ މިޒާޖުގައި ބާރަށް އަދި ދޫފަރިތަކޮށް ވާހަކަދައްކާ ފަރާތަކަށް ވީއިރު ޑައިލޮގް ޑެލިވަރީގައި ބައެއް ޗެލެންޖްތަކާ ދިމާވި ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ފިލްމުގެ ޑައިރެކްޓަރާއި އަދިވެސްް ފިލްމުގެ ކާސްޓުގައި ހިމެނޭ އެހެން ފަރާތްތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ކަމަށް އޭނާ ފާހަގަކުރިއެވެ.

އިތުރު ފިލްމަކުން ފެނިގެންދިޔުމަކީ ގާތްކަމެއް ކަމަށާއި ނަމަވެސް ޔޫއްޕެ ފިޔަވައި އެހެން ޑައިރެކްޓަރެއް ކަމަށް ވަންޏާ ކުޅެންް ޖެހޭ ރޯލާމެދު ރަނގަޅަށް ވިސްނާފައި ނޫނީ އާނ ބަސް ނުބުނާނެކަމަށް އައްމު ބުނިއިރު، އޭނާ ޔޫއްޕެއަށް އެހާބޮޑު އިތުބާރެއް ކުރަނީ ކީއްވެތޯ ސުވާލު ދެންނެވުމުން ޖަވާބުގައި ބުނީ "ޔޫއްޕެ އިޒް ޕަރފެކްޓް" ކަމަށެވެ. އެކްޓަރެއް އަދި ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ޔޫއްޕެއަކީ އެކުގައި މަސައްކަތްކުރަން ވަރަށް ފަސޭހަ ފަރާތެއް ކަމަށްވެސް އަންމު ބުންޏެވެ.

އަންމު "ސަން" އަށް އިންޓަވިދެނީ----

ފުރަތަމަ ފިލްމުގެ ތަޖުރިބާއަށް ފަހު އަންމު ހުރީކީ އެއްގޮތަކަށް ވެސް ފިލްމީ ދާއިރާއާ ދުރަށް ދާން ނޫންކަން އެނގެއެވެ. އެގޮތުން އިތުރު ފިލްމަކުން ފުރުޞަތެއް ލިބިއްޖިއްޔާ ދެން ފެނިގެންދާނީ ވަރަށް ބޮޑު ބަދަލަކާއެކު ކަމަށް އަންމު ބުންޏެވެ. އެއީ ކޮން ބަދަލެއްތޯ ސުވާލުކުރުމުން އަންމު ބުނީ އެއީ ހަށިގަނޑަށް ގެންނަ ބަދަލެއް ކަމަށެވެ.

އަންމު ބުނީ ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަން ވިސްނަނީ، ހޮލީވުޑް އަދި ބޮލީވުޑްގައިވެސް ފިލްމުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެމީހުންގެ ހަށިގަނޑު ވަރަށް ރަނގަޅަށް ބަލަހައްޓާކަމަށާއި އެފަދަ ޓްރެންޑެއް ރާއްޖެއަށްވެސް އައުން މުހިންމު ކަމަށެވެ.

ދިވެހި ފިލްމު "ނޯޓީ 40" އިން ފުރުޞަތެއް ލިބުމަކީ އޭނާއަށް ލިބުނު ފަޚްރެއް ކަމަށާއި އަދި މިފިލްމުން ފުރުޞަތު ދިނީތީ ޔޫއްޕެއާއި ފިލްމުގެ މުޅި ޓީމަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށް އައްމު ބުންޏެވެ. އަދި އޭނާއަށް ފިލްމީ ދާއިރާއަށް ވަދެ ތަޖުރިބާކުރަން ޖެހުނު ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށްވެސް އަންމު ޝުކުރު އަދާކުރެއެވެ.

އޯގަސްޓް ދޭއްގައި އޮލިމްޕަހު ސްކްރީނަށް އަންނަ ކޮމެޑީ ފިލްމު "ނޯޓީ40"ގެ އޮފިޝަލް ޕޯސްޓަރެއް -- ފޮޓޯ: ފޭސްބުކް

އޯގަސްޓު ދެވަނަ ދުވަހުން ފެށިގެން ޖުމުލަ 15 ޝޯ ދެއްކުމަށް ހަމަޖެހިފައިވާ ނޯޓީ 40ގެ ޕްރިމިއަރ ނައިޓްގެ ޓިކެޓެއް 200 ރުފިޔާއަށް ވިއްކާފައިވާއިރު އެ ޝޯގެ ޓިކެޓް މިހާރު ވަނީ ވިކި ހުސްވެފައެވެ. ބާކީ ޝޯތަކުގެ ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ. އެގޮތުން އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ޓިކެޓް ވިއްކަމުންދާއިރު، ބުކިން ހަދަން ބޭނުންވާ ފަރާތްތަކަށް 7530055 ގުޅައިގެން އެކަން ކުރިއަށް ގެންދެވޭނެއެވެ.

comment ކޮމެންޓް