ބީޓެކް އިން 319 ދަރިވަރަކު ޑިޕްލޮމާ ސެޓްފިކެޓް ހާސިލުކޮށްފި

ބީޓެކްގެ ދަސްވެނިންނަށް އިނާމާއި ސެޓުފިކެޓް ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެކޮނޮމިކް މިނިސްޓަރު ސައީދު ދަރިވަރަކަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ސްކޫލްތަކުން މިހާރު ހިންގަމުންދާ އިނގިރޭސި ވިލާތުގެ ބިޒްނަސް އެންޑް ޓެކްނޮލޮޖީ އެޑިއުކޭޝަން ކައުންސިލް (ބީޓެކް) ސްޓްރީމްގެ ދަށުން ބީޓެކް ކޯސްތައް ފުރިހަމަކޮށްގެން 331 ދަރިވަރަކު ދަސްވެނިވެއްޖެ އެވެ.

ބީޓެކް ޕްރޮގްރާމް މިދިޔަ އަހަރު ރާއްޖޭގެ 37 ސްކޫލެއްގައި ހިންގާފައިވެ އެވެ. އެގޮތުން ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި 36 ސްކޫލެއްގެ ޑިޕްލޮމާ ލެވެލް ދޭއްގެ ކޯހެއް ފުރިހަމަކުރި 319 ދަރިވަރުން ވަނީ ދަސްވެނި ވެފަ އެވެ.

އެ ކުދިންގެ ތެރޭގައި ހިމެނެނީ ފާސް ގްރޭޑް ހާސިލް ކުރި 210 ދަރިވަރުންނާއި މެރިޓް ހާސިލް ކުރި 86 ދަރިވަރުންނެވެ. އަދި ރޭގެ ރަސްމިއްޔާތުގައި ޑިސްޓިންކްޝަން ހާސިލް ކުރި 11 ދަރިވަރަކަށާއި ޑިސްޓިންކްޝަން ސްޓާ ހާސިލް ކުރި 12 ދަރިވަރަކަށް ވެސް ސެޓްފިކެޓް ދީފައިވެ އެވެ.

ބީޓެކްގެ ދަސްވެނިންނަށް އިނާމާއި ސެޓުފިކެޓް ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ދަރިވަރަކަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސައިންސާއި އާޓްސް އަދި ކޮމާސްގެ ދާއިރާތަކުގެ އިތުރުން ކުދިންގެ ކިބައިގައި މަސައްކަތުގެ ތައުލީމާއި ހުނަރު އަށަގެންނެވުމަށް ޓަކައި ސްކޫލް ތައުލީމުގެ ތެރެއިން ދަރިވަރުން އިތުރު ފުރުސަތު ފަހިކޮށް ދިނުމުގެ މަގްސަދުގައި ބީޓެކް ޕްރޮގްރާމް ރާއްޖޭގައި ފެށީ 2014 ވަނަ އަހަރު އެވެ.

އަދި ބީޓެކް ސްޓްރީމްގެ ދަށުން ދަށު ސާނަވީގައި ދިވެހި، އިސްލާމް، އިނގިރޭސި އަދި ހިސާބު މާއްދާގެ އިތުރުން އެ ދަރިވަރކު ކުރިއަށް ދާން ބޭނުންވާ ބީޓެކްގެ ކޯހެއް ފުރިހަމަކޮށް، އޯލެވެލް ހަތަރު މާއްދާ އާއި އެއްވަރުގެ ބީޓެކް ލެވެލް ދޭއްގެ ސެޓްފިކެޓެއް ހާސިލް ކުރެވޭނެ އެވެ.

ރާއްޖޭގެ ތަފާތު ސިނާއަތްތަކަށް ބޭނުންވާ މަސައްކަތްތަކާއި ހުނަރު އުނގަންނައިދިނުމުގެ މަސައްކަތްތެރިކަމުގެ ސްޓްރީމުގެ ދަށުން މިދިޔަ އަހަރު ބީޓެކް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ފަސް ދާއިރާ އެކެވެ. އެއީ ހޮސްޕިޓަލިޓީ، އާޓް އެންޑް ޑިޒައިން، ސްޕޯޓްސް، ބިއުޓީ ތެރަޕީ އަދި ބިޒްނަސް އެވެ.

ބީޓެކްގެ ދަސްވެނިންނަށް އިނާމާއި ސެޓުފިކެޓް ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ދަރިވަރަކަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަދި މިއަހަރު ވެސް އެ ފަސް ދާއިރާއެއް ކަނޑައަޅާފައިވާ އިރު، ބިއުޓީ ތެރަޕީގެ ބަދަލުގައި މިއަހަރު ހިމަނާފައިވަނީ އިންޖިނިއަރިންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ބީޓެކް ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ގްރޭޑް 8،9 އަދި 10ގެ ދަރިވަރުންގެ ތެރެއިން ބީޓެކްގައި މިދިޔަ އަހަރު 2433 ދަރިވަރުން ބައިވެރި އިރު، މި އަހަރު އެ ޕްރޮގްރާމްގައި ސާނަވީ ގްރޭޑްތަކުން 3009 ދަރިވަރުން ބައިވެރިވެފައިވެ އެވެ.

comment ކޮމެންޓް