މޯލްޑިވް ގޭސް އަތުން ވެސް ބަލިވެ، މުހްޔިއްދީން މުބާރާތާ އަލްވަދާއު ކިޔައިފި

ސުޒުކީ ވިލި މުއައްސަސާ ކަޕްގެ 'ގްރޫޕް ބީ'ގައި މޯލްޑިވް ގޭސްއާއި މުހްޔިއްދީން ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޯލްޑިވް ގޭސް މޮޅުވީ 9-7 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް

ކްލަބް އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ބާއްވާ ސުޒުކީ ވިލި މުއައްސަސާ ކަޕްގެ 'ގްރޫޕް ބީ'ގައި މޯލްޑިވް ގޭސް އަތުން ވެސް ބަލިވެ، މުހްޔިއްދީން ސްކޫލް މުބާރާތާ އަލްވަދާއު ކިޔައިފިއެވެ.

ވިލިމާލޭ ފުޓްސަލް ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ 'ގްރޫޕް ބީ'ގައި މިރޭ ވާދަވަރި ކުޅުމަކަށްފަހު މޯލްޑިވް ގޭސް އަތުން މުހްޔިއްދީން ބަލިވީ 9-7 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މުބާރާތުގެ 'ގްރޫޕް ބީ'ގެ އެންމެ ކުރީގައި މިވަގުތު އޮތް ހައުސިން މިނިސްޓްރީއާއި މޯލްޑިވް ގޭސްއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އެ ދެ ޓީމުގެ ފަހަތުން ވިއްދާފައި އޮތް ސްޓެލްކޯއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ ފުލުގައި އޮތް މުހްޔިއްދީނަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. މޯލްޑިވް ގޭސްއާއި މުހްޔިއްދީން ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ހުރިހާ މެޗެއް ނިމިފައިވާއިރު، މޯލްޑިވް ގޭސްއަށް ސެމީގެ ޖާގައެއް ކަށަވަރުވާނީ މާދަމާ ރޭ ހައުސިންއާއި ސްޓެލްކޯ ކުޅޭ މެޗުން ނުކުންނަ ނަތީޖާއަށް ފަހުއެވެ.

މިރޭ ކުޅުނު 'ގްރޫޕް ބީ'ގެ މެޗުގައި މޯލްޑިވް ގޭސްއިން ކާމިޔާބުކުރި ނުވަ ލަނޑުގެ ތެރެއިން ހަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހްމަދު ރަޝީދު (އައްމަޑޭ)އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ނާޒާއި އިބްރާހިމް ވިޝާހު އަދި މުހައްމަދު ޔޫސުފެވެ. މުހްޔިއްދީނުން ކާމިޔާބުކުރި ހަތް ލަނޑުގެ ތެރެއިން ތިން ލަނޑު ބަރާއު އަހްމަދު ކާމިޔާބުކޮށްދިންއިރު، އިސްމާއިލް ވަޖީހު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ އިލްހާމް އަދި ހަސަން ރަޝީދެވެ.

ސުޒުކީ ވިލި މުއައްސަސާ ކަޕްގެ 'ގްރޫޕް ބީ'ގައި މޯލްޑިވް ގޭސްއާއި މުހްޔިއްދީން ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޯލްޑިވް ގޭސް މޮޅުވީ 9-7 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެންޓޮމް

މާދަމާ ކުރިއަށްދާނީ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. މާދަމާ ރޭ 8:15ގައި ކުޅޭ 'ގްރޫޕް ބީ'ގެ މެޗުގައި ސްޓެލްކޯއާއި ޓީމް ހައުސިން ބައްދަލުކުރާއިރު، މާދަމާ ރޭ 9:15ގައި ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ބައްދަލުކުރާނީ ދިރާގާއި ޔޫތު މިނިސްޓްރީއެވެ. މާދަމާ ރޭ 10:15ގައި ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ބައްދަލުކުރާނީ ފުލުހުންނާއި ސިފައިންނެވެ.

އެ މުބާރާތުގައި ޖުމްލަ ނުވަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. 'ގްރޫޕް އޭ'ގައި ހިމެނެނީ ޓީމް އެމްޓީސީސީއާއި، ޔޫތު މިނިސްޓްރީއާއި، ސިފައިންނާއި، ފުލުހުން އަދި ދިރާގެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ސްޓެލްކޯއާއި، ޓީމް ހައުސިންއާއި، މޯލްޑިވް ގޭސް އަދި މުހްޔިއްދީން ސްކޫލެވެ.

އެ މުބާރާތުގެ ވަނަވަނަތަކަށް ހޮވޭ ޓީމުތަކަށް ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

މިމަހުގެ 13އިން ފެށިގެން 22ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީއެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިއީ މިފަދަ މުބާރާތެއް ވިލިމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ވިލި މުއައްސަސާ ކަޕްގެ މެއިން ސްޕޮންސަރަކީ ސުޒުކީއެވެ. އިވެންޓް ޕާޓްނަރުންނަކީ އޮފިޝަލް އިވެންޓްސްއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރުންނަކީ ވިޓާއެވެ. އަދި މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރުންނަކީ ކްލަބު ގްރީން ސްޓްރީޓްސްގެ ވެސް ރަސްމީ ފޮޓޯގްރަފީ ޕާޓްނަރުން ކަމަށްވާ އެންޓޮމްއެވެ.

comment ކޮމެންޓް