ބޮޑެތި އިނާމުތަކަކާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މެރަތަނެއް

ދިރާގު ރޯޑް ރޭސް 2016ގައި ދުވުންތެރިޔަކު ދުވަނީ: އައްޑޫގައި ބާއްވާ އީކުއޭޓާ އައްޑޫ ސިޓީ މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި -- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގެ ކުރީގެ ކާމިޔާބު ދުވުންތެރިޔާ ނަސީރު އިސްމާއީލްގެ ނަސީރު ސްޕޯޓްސް އެކެޑަމީ (އެންއެސްއޭ)އާއި ރަނާސް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މެރަތަންއެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.

ރާއްޖޭގެ އިތުރުން އެކި ގައުމުތަކުގެ ދުވުންތެރިންނަށް ހުޅުވާލައިގެން ބާއްވާ އެ ދުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ. 'އީކުއޭޓާ އައްޑޫ ސިޓީ މެރަތަން'ގެ ނަމުގައި ބާއްވާ އެ މެރަތަނަކީ ރާއްޖޭގައި މިހާތަނަށް ބޭއްވިގެންދާނެ އެންމެ އަގުބޮޑު ދުވުމެވެ.

އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ މެރަތަންގައި ހާފް މެރަތަނާއި ދިހަ ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރު ދުވުން ވެސް ހިމެނެއެވެ. އޭގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށްގެން ދެ ކިލޯމީޓަރު އަދި އެއް ކިލޯމީޓަރު ދުވުމެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

އައްޑޫގައި ބާއްވާ އެ މެރަތަންގެ އެއްވަނަ، ދެވަނަ، ތިންވަނައާއެކު ގަދަ ދިހައެއްގެ ތެރޭގައި ހިމެނޭ ދުވުންތެރިންނަށް ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން ކޮންމެ ކެޓަގަރީއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދާ ދިވެހި ދުވުންތެރިންނަށް ވެސް ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

'ސަން ސްޕޯޓްސް'އަށް މައުލޫމާތު ދެއްވަމުން އެ މެރަތަން އިންތިޒާމްކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ނަސީރު ވިދާޅުވީ، މެރަތަންގެ އެންމެ ބޮޑު އެއް މަގްސަދަކީ ދިވެހި ރާއްޖެއިން ވީހާވެސް ގިނައިން ކަސްރަތުކުރާ މީހުން ނެރެ، ދިވެހިރާއްޖެއަކީ ކަސްރަތުކުރާ މީހުން ވަރަށް މަދު ގައުމަކަށްވެފައި ވީހާވެސް ގިނަ މީހުން އެކަމަށް ނެރުން ކަމަށެވެ. އަދި އެ މެރަތަން ބާއްވާނެ ތާރީހެއް ފައިނަލްކޮށް، ވަރަށް އަވަހަށް ބައިވެރިވާން ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖެތެރޭގެ ރަށްރަށުގައި މިކަހަލަ މެރަތަންތައް ނުބާއްވާތީ ވަރަށް ގިނަ ބައެއްގެ ޝަކުވާތައް އާދޭ. އެގޮތުން ޝަކުވާތައް އަންނާތީ މިފަހަރު އަޅުގަނޑުމެން ރަނާސް މޯލްޑިވްސްއާއި ނަސީރު ސްޕޯޓްސް އެކަޑަމީއާ ގުޅިގެން މިފަހަރު މި ބާއްވަނީ އައްޑޫ ސިޓީގައި. މަގްސަދުތަކުގެ ތެރޭގައި އައްޑޫ ސިޓީގައި ދުވުމަށް ހޭލުންތެރިކުރުން ހިމެނޭ.

"އައްޑޫގެ އިތުރުން އެ ހިސާބުގަނޑުގައި ފުވައްމުލައް އަދި ހުވަދު އަތޮޅު މީހުންނަކީ ވެސް ގައުމީ ގައުމީ ފެންވަރުގައި މިހާރު ނުކުންނަ ތިން އަތޮޅު އެއީ. އެހެންވީމާ އެ ތިން އަތޮޅުގެ މީހުންނަށް ހާއްސަކޮށްގެން މެރަތަން މި ބާއްވަނީ. ރާއްޖޭގައި މިހާރު މެރަތަން ދުވާ މީހުން ގިނަވުމާއެކު އައްޑޫ ބަލައިލުމަށާއި އެހާ ދިގު މަގެއްގައި ދުވެލަން ވެސް އެހެން ބޮޑެތި ރަށްރަށަށް ނިސްބަތްވާ މީހުން ހަގީގަތުގައި ބޭނުންވާނެ،" އޭނާ ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ، އައްޑޫގައި މެރަތަން ދުވާ ރޫޓު ބަލާފައި މިން އެޅުމަށް ހަވާލުކުރާނީ ބައިނަލްއަގުވާމީ އެތުލެޓިކްސްގެ މައި އިދާރާ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް)އިން ކޯސް ފުރިހަމަކޮށްފައިވާ ރާއްޖޭގެ ފަންނީ ބޭފުޅުންނަށް ކަމަށާއި މިން އަޅާފައި އޭގެ ރިޕޯޓް ފޮނުވުމުން އައިއޭއޭއެފުން ރޭސް ރަޖިސްޓަރ ކޮށްދޭނެ ކަމަށެވެ.

"އޭރުން އަޅުގަނޑުމެންނަށް އެއީ އިންޓަނޭޝަނަލް މެރަތަނެއްގެ ގޮތުގައި ބެލޭނެ. އަޅުގަނޑުމެން ބޭނުންވަނީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން މި މެރަތަން ބާއްވަން. އެތުލެޓިކްސް އެސޯސިއޭޝަނަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެތުލެޓިކްސްގެ ބޮޑީއަށް ވެފައި އެސޯސިއޭޝަނުން އަޅުގަނޑުމެންނަށް ޓެކްނިކަލް ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދޭނަން. އޭގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާއި، އެމްއެންޑީއެފް، ހުރިހާ އެންމެންނާ ގުޅިގެން މެރަތަން ބޭއްވިގެންދާނީ،" އޭނާ ވިދާޅުވިއެވެ.

ނަސީރު އިތުރަށް ވިދާޅުވީ، އެ މެރަތަނަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މިހާރު ވެސް ރާއްޖޭގައި މެރަތަން ދުވާ މީހުން ވަރަށް ގިނަ ކަމަށެވެ. އަދި ބޭނުމަކީ ކޮންމެ އަހަރަކު މެރަތަންގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އުންމީދަކީ ގާތްގަނޑަކަށް ކުރިއަށްއޮތް ފަސް އަހަރު ދުވަސްތެރޭ 10،000 ދުވުންތެރިންގެ ރޭހެއް ބޭއްވުން. މެރަތަން ބާއްވާކަން ރާއްޖޭން ބޭރުގައި އިއުލާންކުރީމާ، ރާއްޖޭން ބޭރުން އަންނަ ދުވުންތެރިން ވެސް ގިނަވެގެންދާނެ. ދުނިޔޭގެ ރޭސް ކަލަންޑަރުގައި ޖެހީމާ، ވަރަށް ގިނަބަޔަކު ރޭސް ކަލަންޑަރު ބަލާނެ. އެކި މީސްމީހުން ތަޖުރިބާ ހޯދުމަށް ދުނިޔޭގެ އެކި ގައުމުތަކަށް ރޭސްތަކުގައި ވާދަކުރުމަށް ދަތުރުކުރާނެ،" އޭނާ ވިދާޅުވިއެވެ.

އީކުއޭޓާ އައްޑޫ ސިޓީ މެރަތަންގެ ފައިސާގެ އިނާމުތައް:

މެރަތަން (އަންހެން/ފިރިހެން)

  • އެއްވަނަ- 2500 ޑޮލަރު
  • ދެވަނަ- 1500 ޑޮލަރު
  • ތިންވަނަ- 1000 ޑޮލަރު
  • ހަތަރުވަނަ- 500 ޑޮލަރު
  • ފަސްވަނަ- 250 ޑޮލަރު
  • ހަވަނަ އިން ފެށިގެން ދިހަވަނައަށް ހޮވޭ ކޮންމެ ދުވުންތެރިޔަކަށް- 100 ޑޮލަރު

ހާފް މެރަތަން (އަންހެން/ފިރިހެން)

  • އެއްވަނަ- 500 ޑޮލަރު
  • ދެވަނަ- 400 ޑޮލަރު
  • ތިންވަނަ- 300 ޑޮލަރު
  • ހަތަރުވަނަ- 200 ޑޮލަރު
  • ފަސްވަނަ- 100 ޑޮލަރު

މެރަތަން (ދިވެހި ދުވުންތެރިން)

  • އެއްވަނަ- 500 ޑޮލަރު
  • ދެވަނަ- 300 ޑޮލަރު
  • ތިންވަނަ- 200 ޑޮލަރު
comment ކޮމެންޓް