ރާއްޖޭގެ ފިސްކަލް ދާއިރާއާއި އެކްސްޓާނަލް ހާލަތު ދަނީ ދަށްވަމުން: އައިއެމްއެފް

އައިއެމްއެފުން ރާއްޖެއަށް ޒިޔާރަތްކުރެއްވި ވަފުދުން މީޑިއާއަށް މައުލޫމާތު ދެއްވަނީ - ސަން ފޮޓޯ

މިއަހަރާއި އަންނަ އަހަރުގެ ތެރޭ ރާއްޖޭގެ ޖީޑީޕީ 4.5 އާއި ފަސް ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ނަމަވެސް ރާއްޖޭގެ ފިސްކަލް ދާއިރާއާއި އެކްސްޓާނަލް ހާލަތު ދަށަށް ދަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފިއެވެ.

ބައިނަލްއަގުވާމީ މާލީ އިދާރާ، އައިއެމްއެފްއިން މިފަދައިން ފާހަގަކޮށްފައިވަނީ، އެ ފަންޑުގެ ފަރާތުން ރާއްޖެ ޒިޔާރަތް ކުރި ފަންޑުގެ ބޭފުޅުން ކުރި މަސައްކަތަށްފަހު މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ހިމަނާފައިވަނީ ރާއްޖޭގެ އިގްތިސާދީ ޙާލަތާ ގުޅޭ ގޮތުން ހޯދުންތަކެއް ހޯދައި އެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެ ވަފުދުގެ މެމްބަރުންނަށް ފާހަގަކުރެވުނު ކަންކަމެވެ.

އައިއެމްއެފް އިން ނެރުނު ބަޔާނުގައި، ރާއްޖޭގެ ޖީޑީޕީ 4.5 ޕަސެންޓާއި ފަސް ޕަސެންޓާ ދެމެދުގެ މިންވަރެއްގައި އިތުރުވާނެ ކަމަށް ލަފާކޮށްފައިވާއިރު އިންފްލޭޝަން ރޭޓް ދަށް މިންވަރެއްގައި ހިފެހެއްޓޭނެކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން، އެއާޕޯޓު ތަރައްގީގެ މަޝްރޫއާއި ގެދޮރު އިމާރާތްކުރުމާއި ސިއްހީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުގައި ކުރެވޭ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން އިގްތިސާދު އިތުރަށް ފުޅާވެ ކުރިއަރައިދިއުމަށް މަގުފަހިވާނެކަމަށްވެސް އައިއެމްއެފް އިން ފާހަގަކޮށްފައިވެއެވެ.

"ނަމަވެސް ކުރިމަގަށް ލަފާކުރެވޭގޮތަށް ބަލާއިރު، ދިވެހިރާއްޖޭގެ އިގްތިސާދަށް ދިމާވެދާނެ ހިރާސްތަކެއް އެބަހުރިކަމަށް ބެލެވެއެވެ. މީގެ ތެރޭގައި ފިސްކަލް އަދި އެކްސްޓާނަލް ހާލަތު ދަށަށް ދިއުމާއި، ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދު ކުރިއަރާ މިންވަރު މަޑުޖެހުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރުތައް ހިމެނެއެވެ. އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނީގެ މިންވަރު އިތުރުވެ، މިކަމުގެ ސަބަބުން މެދުވެރިވެދާނެ ގެއްލުން ކުޑަކުރުމަށްޓަކައި މިފަދަ މަޝްރޫއުތައް ހަރުދަނާކަމާއެކު ކުރިއަށްގެންދިއުން މުހިއްމެވެ." އައިއެމްއެފްގެ ބަޔާނުގައި ވެއެވެ.

އެކަން ފާހަގަކުރަމުން އެ އިދާރާއިން ބުނީ އެފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރަންޖެހިފައިވާ އިތުރު ހޭދަތައް ފޫބެއްދުމަށްޓަކައި އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

ދިވެހިރާއްޖެއަކީ ކުޑަ އަދި ހުޅުވާލެވިފައިވާ އިގްތިޞާދަކަށްވެފައި، ޑޮލަރަށް ބަރޯސާވާ މިންވަރުގެ ސަބަބުން ޔޫއެސް ޑޮލަރަށް ޕެގްކުރެވިފައިވާ އެކްސްޗޭންޖް ރޭޓް ނިޒާމަކީ މިވަގުތަށް ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމުކަންވެސް އައިއެމްއެފްއިން ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް، އޭޝިއާ ސަރަހައްދުން ރާއްޖެއަށް ފަތުރުވެރިން އައުން އިތުރުވެ ތަރައްގީގެ އެކިއެކި ކަންކަމަށް މިސަރަހައްދުން ހޯދާ ފައިނޭންސް އިތުރުވެއްޖެނަމަ، މުސްތަގްބަލުގައި ރާއްޖޭގެ އެކްސްޗޭންޖް ރޭޓް ނިޒާމް އިމްޕޯޓް ވެއިޓެޑް ކަރަންސީ ކޮމްޕޮސިޓަަކަށް ބަދަލުކުރުމާމެދު ވިސްނުމަށް ފެންނަ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް