ވެނެޒުއެލާގައި ވޯޓުލާން ގޮސްހުރި އަންހެނެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި

ޕެރޫވިއާގެ ވެރިރަށް ކަރާކަސްގައި ވެނެޒުއޭލާގެ ރައްޔިތުންތަކެއް ރިފަރެންޑަމަށް ވޯޓުލުމަށް ކިޔުގައި މަޑުކޮށްގެން --- ފޮޓޯ: ރޮއިޓާސް

ވެނެޒުއޭލާގެ ވެރިރަށް ކަރާކަސްގައި ކުރިޔަށް ދިޔަ ހާއްސަ ރެފަރެންޑަމްއަކަށް ވޯޓުލުމަށް ގޮސްހުރި އަންހެނެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

އުމުރުން 61 އެ އަންހެނާއަކީ ރެޖިސްޓަރްޑް ނަރުހެކެވެ. އަދި އެހާދިސާގައި މަރުވި އަންހެން މީހާގެ އިތުރުން ސައިކަލުތަކެއްގައި ގޮސް ތިބި ބައެއްގެ ގަޔަށް ވެސް ބަޑިން ހަމަލާ ދިނުމުގެ ސަބަބުން އިތުރު ތިން މީހަކަށް ވަނީ އެކިވަރުގެ އަނިޔާވެފަ އެވެ.

އެ ވޯޓުލުމުގެ ކަންތައްތައް ގާތުން މޮނިޓާކުރަމުން ގެންދިޔަ ފަރާތްތަކުން ބުނި ގޮތުގައި އާދިއްތަ ދުވަހު އެ ރެފަރެންޑަމަށް ވޯޓުލުމަށް ޓަކައި އެގައުމުގެ ހަތް މިލިއަނަށް ވުރެ ގިނަ ރައްޔިތުން ވަނީ ވޯޓު ފޮށިތައް ބަހައްޓާފައި ހުރި ސަރަހައްދަށް ޖަމާވެފަ އެވެ.

ސެންޓްރަލް ޔުނިވާސިޓީ އޮފް ވެނެޒުއެލާގެ ރެކްޓާ ސެސީލިއާ ގަރްސިއާ އަރޯޝާ ވިދާޅުވި ގޮތުގައި އެގައުމުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތައް ކައިރިއަށް 6،492،381 މީހުން ޖަމާވެފައިވާ އިރު ރެފަރެންޑަމަށް ވޯޓުލުމަށް އެގައުމުން ބޭރުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތައް ކައިރިއަށް 693،789 މީހުން ވަނީ ހާޒިރުވެފަ އެވެ.

ފެންނަ ނުފެންނަ މިވޯޓުލީ މީހުންގެ 98 ޕަސެންޓް މީހުން ވަނީ އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އިއުލާނުކޮށްފައިވާ އައު އެސެމްބްލީއަށް ތާއިދުނުކުރާ ކަމަށާއި އެގައުމުގައި 2019 ވަނަ އަހަރުގެ ކުރިން ރިޔާސީ އިންތިހާބެއް ބޭއްވުމަށް ފެންނަ ކަމަށް ވޯޓުލައިފަ އެވެ.

ވެނެޒުއެލާގައި މިފަހަކަށް އައިސްފައިވާ އިގުތިޞާދީ ހީނަރުކަމުގެ ސަބަބުން އެގައުމުގެ ސިޔާސީ މަސްރަހަށް ވަނީ ތަފާތު އެކި ގޮންޖެހުންތަކާއި ނުތަނަވަސްކަމެއް ކުރިމަތިވެފަ އެވެ. އެ ގައުމުގެ އިގުތިޞާދުގެ 95 ޕަސެންޓް އެކްސްޕޯޓަކީ އެގައުމުގައި އުފައްދާ ތެޔޮކަމަށްވެފައި ތެލުގެ އަގުތައް ވެއްޓުމުގެ ސަބަބުން ވަނީ އިގުތިޞާދަށް ތަފާތު އެކިއެކި މައްސަލަތަކާއި ކުރިމަތިވެފަ އެވެ.

އެސަބަބާ ހުރެ ގައުމުގެ މާލީ ހާލަތު ގޯސްވެ ފައިސާގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން ކާބޯތަކެތި ލިބުމަށް ވެސް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފަ އެވެ.

އެއަށް ފަހު އެގައުމުގެ އާންމު ރައްޔިތުންނާއި ކަމާ ބެހޭ ފަރާތްތަކާއި ސަލާމަތާ ބެހޭ ފަރާތްތަކުގެ މެދުގައި ހަމަނުޖެހުންތައް ދަނީ ކެނޑިނޭޅި އުފެދެމުންނެވެ. އަދި ތަފާތު އެކި އެކި ކުރިމަތިލުންތަކުގައި މި އަހަރުގެ އެޕްރީލު މަހުން މިމަހުގެ ނިޔަލަށް 100 އަށް ވުރެ ގިނަ މީހުން ވަނީ މިފަދަ ކުރިމަތިލުންތަކުގައި މަރުވެފަ އެވެ.

comment ކޮމެންޓް