އީސީސީގައި ތަރައްގީ ކުރާ ހޮސްޕިޓަލް، އަންނަ ޖުލައި މަަހަށް ނިމޭނެ: މިނިސްޓަރު

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ހިތަދޫގައި ހުންނަ އީސީސީގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތްތައް ބައްލަވާލައްވަނީ --- ފޮޓޯ/ ހެލްތު މިނިސްޓްރީ

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގައި ތަރައްގީ ކުރާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިމޭނެ ކަމަށް ހެލްތު މިިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ޗަސްބިމެއް ހިއްކައިގެން ހަދާފައިވާ އީސީސީ އަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ސާކް ސަމިޓް ބޭއްވުމަށް ތަރައްގީ ކުރި ތަނެކެވެ. އޭގެ ފަހުން އެތަން ބޭނުން ކޮށްފައެއް ނުވާއިރު، އެތަނަށް ބޮޑެތި ގެއްލުންތަކެއް ދިޔައީ ލިބެމުންނެވެ.

ނަމަވެސް އަދުގެ ސަރުކާރުން އައްޑޫ ސިޓީގައި ތަރައްގީ ކުރަން ނިންމި 100 އެނދުގެ އާ ހޮސްޕިޓަލްގެ މަޝްރޫއު އީސީސީއަށް ބަދަލު ކުރަން ނިންމިއެވެ. އެެ ބަދަލު ގެނައީ އާ އިމާރާތެއް ކުރާނަމަ އެވަރުގެ ހޮސްޕިޓަލެއް އެޅުމަށް ދާ ހަރަދު ދެ ގުނަ އަށް ބޮޑުވެގެން ދާނެތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އީސީސީ އަކީ ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް އެކަށޭނަ ތަނެއްތޯ ބެލުމަށް އިންޖިނީރިން އެސެސްމެންޓެއް ހަދާ އެއްވެސް މައްސަލައެއް ފެނިފައިނުވާއިރު، އެތަން އެޅުމަށް ލޯނު އެހީ ދިން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން އެ ބަދަލަށް އެއްބަސްވި ކަމަށެވެ.

އެއާއެކު ކޮންވެންޝަން ސެންޓަރުގައި ހޮސްޕިޓަލެއް އެޅުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަމިއްލަ ކޮންސްޓަރަކްޝަން ކުންފުނި، އެލިއާއާ ހަވާލުކުރި އެވެ. އެއް އަހަރާ ހަ މަސް ތެރޭގައި އީސީސީ ހޮސްޕިޓަލަށް ބަދަލުކުރުމަށް އެކުންފުންޏާ ހަވާލުކުރީ 161.8 މިލިއަން ދިވެހި ރުފިޔާއަށެވެ.

އެތަނުގެ މައުލޫމާތު "ސަން"އާ ހިއްސާކުރަމުން އައްޑޫއަށް މިހާރު ވަޑައިގެން އުޅުއްވާ ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ، އެތަނުގެ މަސައްކަތް ދަނީ ޝެޑިއުލްއާ އެއްގޮތަށް ކަމަށެވެ. އަދި އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެތަން ނިމޭނެ ކަމަށެވެ.

އަދި އެ ހޮސްޕިޓަލް ނިމޭއިރު އެތަނުގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި އޮޕަރޭޝަން ފަސް ތިއޭޓަރުގެ އިތުރުން މޯޗަރީ އަކާއި ޕްރައިވެޓް ރޫމްތައް ވެސް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުނގަޑުމެންގެ ވިސްނުން އަދި މިހުރީ ސަރުކާރުން އެތަން ހިންގުމަށް. އެހެންކަމުން އަދި އަމިއްލަ ކުންފުންޏަކާ ހަވާލު ކުރުމުގެ ވިސްނުމެއް ނެތް. މިތަނަކީ މިހާރު އައްޑޫ ގިނަ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ތަނެއް،" ހޮސްޕިޓަލްގެ ހިންގުން އަމިއްލަ ކުންފުންޏަކާ ހަވާލު ކުރާނެތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް