ސީޕްލޭންގެ މެއިންޓެނަންސް ފެސިލީއެއް ގާއިމް ކުރުމަށް ބިން ހިއްކަން ފަށައިފި

ސީޕްލޭން މެއިންޓެނެންސް ފެސިލިޓީ އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ -- ފޮޓޯ: އެމްއޭސީއެލް

ސީޕްލޭން މެއިންޓެނަންސް ރިޕެއާ އެންޑް އޮޕަރޭޝަންސް (އެމްއާރުއޯ) ފެސިލިޓީއެއް ގާއިމް ކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން ބިން ހިއްކަން ފަށައިފިއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް އެސޯޝިއޭޓް ޖެނެރަލް މެނޭޖަރ ހަސަން އަރީފް "ސަން" އަށް ވިދާޅުވި ގޮތުގައި އެމްއާރުއޯ ފެސިލިޓީ ގާއިމް ކުރުމަށްޓަކައި ހިއްކަން ނިންމާފައިވަނީ 18،000 ކުއިބިކް މީޓަރުގެ ބިމުގެ ސަރަހައްދެކެވެ. އެ މަސައްކަތް އިއްޔެ ފަށާފައިވާއިރު އޭނާ ވިދާޅުވީ ހަފްތާއެއްހާ ދުވަސްތެރޭ ބިން ހިއްކައި ނިމެނޭ ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލް އެޅުމަށް ހިއްކަން ފެށި 18،000 އަކަ މީޓަރުގެ ބިން ހިއްކައި، މިދިޔަ މަހު ނިންމާފައިވާއިރު އިއްޔެ ހިއްކަން ފެށި ބިމަކީ ސީޕްލޭންގެ މަރާމާތާއި މެއިންޓެނެންސް ކަންތައްތައް ބެލެހެއްޓުމަށްޓަކައި ބޭނުންވާ ފެސިލިޓީއެއް ގާއިމް ކުރުމަށް ހިއްކާ ސަރަހައްދެކެވެ. މިހާރު ހިއްކަމުން ދަނީ، އެއާޕޯޓު ޓަވަރުގެ އުތުރުން ކުރިން ހިއްކި ބިމާ ޖެހިގެން އޮތް ސަރަހައްދެވެ.

ސީޕްލޭން މެއިންޓެނެންސް ފެސިލިޓީ އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ -- ފޮޓޯ: އެމްއޭސީއެލް

އަލަށް ހިއްކާ ބިމުގެ ސަރަހައްދު ހިއްކަނީވެސް، އެއާޕޯޓުގައި އާ ރަންވޭ އެޅުމުގެ މަސައްކަތް ވެސް ކުރާ، ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)އިންނެވެ.

ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮޕަރޭޓުކުރާ ސީޕްލޭން ނެޓްވޯކު އޮންނަނީ ރާއްޖޭގަ އެވެ. އެ އޮޕަރޭޝަން ހިންގަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.

comment ކޮމެންޓް