ސްޓެލްކޯ އަތުން އެމްޕީއެލް ހަނި ގޮތަކަށް ސަލާމަތްވި އިރު ސިފައިންނާއި ފުލުހުން ވީ އެއްވަރު

އެފްއޭއެމް އިން ކުރިއަށް ގެންދާ އަންހެނުންގެ ފުޓްސަލް މުބާރާތުގެ ތެރެއިން--ފޮޓޯ/ އެފްއޭއެމް

އެފްއޭއެމުން ކުރިއަށް ގެންދާ އަންހެނުންގެ ފުޓްސަލް މުބާރާތުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުން އެމްޕީއެލް މޮޅުވިއިރު ދެވަނަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ފުަރަތަމަ މެޗުގައި ވާދަކުރީ އެމްޕީއެލް އާއި ސްޓެލްކޯއެވެ. އެ މެޗު އެމްޕީއެލް އިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ދެޓީމުންވެސް މޮޅު ކުޅުމެއް ދެއްކި އިރު ސްޓެލްކޯއަށްވެސް ނަތީޖާ ނެރެން މުހިއްމު ފުރުޞަތު ތަކެއް ލިބުނެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިއަކީ އެމްޕީއެލްގެ ފާތިމަތު ސާލިޔާއެވެ.

ދެވަނަ މެޗުގައި ސިފައިނާއި ފުލުހުން ވާދަކުރިއިރު އެ މެޗު ނިމިގެންދިޔައީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިސް ކްލަބުގެ ޝީނީޒް މުހައްމަދެވެ.

ޖުލައި ނުވައަކުން ވިއްސަށް ކުރިއަށްދާ އެ މުބާރަތުގައި ބައިވެރިވި ޓީމުތައް ދެ ގުރޫޕަކަށް ބަހާލާފައިވާއިރު ގުރޫޕް އެކެއްގައި ފަސްޓީމެއް ވާދަކުރާނެއެވެ. ގްރޫޕް ދޭއްގައި ހަތަރު ޓީމެއް ވާދަކުރާނެއެވެ.

އެހެން މުބާރާތްތަކާ ހިލާފަށް އެފްއޭއެމުން އިންތިޒާމް ކުރާ ފުރަތަމަ އަންހެން ފުޓްސަލް މުބާރަތުގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ހިމެނޭ ދެ ކުޅުންތެރިއަކަށް ކުޅެވޭއިރު ބިދޭސީ އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.

އަންހެން ފުޓްސަލް ކުރިއަރުވަން، ފުޓްސަލް ކުޅޭ އަންހެނުންނަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އެފްއޭއެމުން އަންހެން ފުޓްސަލް މުބާރާތެއް ފަށާފައި ވާއިރު ފުޓްސަލް ކުޅޭ ފިރިހެނުންނަށް ހާއްސަކޮށްގެން މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

comment ކޮމެންޓް