ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމަށް ނަގާ 183 މިލިއަން ރުފިޔާގެ ލޯން އެއްބަސްވުމުގައި ސޮއިކޮށްފި

ސްޓެލްކޯގައި ކުރިޔަށްދިޔަ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ލޯން އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާގެ ތެރެއިން --- ސަންފޮޓޯ: މުހައްމަދު އަފްރާހް

ފުވައްމުލަކުގެ އުތުރު އަދި އިރުމަތީ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އަށް ކުވައިތު ފަންޑުން ނަގާ 183 މިލިއަން ރުފިޔާގެ ލޯން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ސްޓެލްކޯ މައި އިމާރާތުގައި މިއަދު ބޭއްވި ހަފްލާގައި ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ފައިނޭންސް އެންޑް ޓްރެޝަރީ އަހްމަދު މުނައްވަރެވެ. އަދި ކުވައިތު ފަންޑް ފޮ އަރަބް އިކޮނޮމިކް ޑިވިލޮޕްމެންޓް (ކުވައިތު ފަންޑް)ގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑައިރެކްޓާ ޖެނެރަލް ހިޝާމް އަލް-ވާގަޔާން އެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފައިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ މިއީ ނެދަލޭންޑްސް އެންޓަޕްރައިސް އޭޖެންސީ (އޯރިއޯ) އަދި ކުވައިތު ފަންޑުގެ ހިލޭ އެހީ އާއި ކުވައިތު ފަންޑުން ނަގާ ލޯނަކުން ހިންގާ މަޝްރޫއުއެއް ކަމަށެވެ.

ޏ. ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ލޯން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ: އަހްމަދު އަފްރާހް

އަދި އެ މަޝްރޫއު ހިންގުމަށް ކުވައިތު ފަންޑުން ދީފައި ވަނީ 3.6 މިލިއަން ކުވައިތީ ދީނާރު (11.88 މިލިއަން ޔޫއެސް ޑޮލަރު، ނޫނީ 183.18 މިލިއަން ރުފިޔާ)ގެ ލޯނެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ބާކީ ފައިސާ ހަމަޖައްސައި ދެނީ އޯރިއޯ އިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ އެ މަޝްރޫއުގެ ސަބަބުން ފުވައްމުލަކުގެ ތިމާވެއްޓާއި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީ އަށް ވަރަށް ބޮޑު ފައިދާ ކުރާނެ މަޝްރޫއުއެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުވައިތު ފަންޑުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ހިޝާމް އަލް-ވާގަޔާން ވިދާޅުވި ގޮތުގައި 1974 ވަނަ އަހަރު އެ އިންސްޓިޓިއުޓުން އަރަބި ކަރައިގެ ގައުމުތަށް ފިޔަވައި އިތުރު ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފެށި ކަމަށާއި އަދި ދިވެހި ރާއްޖެއަކީ އެގޮތުން ކުވައިތު ފަންޑުން އެހީވި އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމު ކަމަށް ވިދާޅުވި އެވެ.

ހުޅުލޭ އެއާޕޯޓް ތަރައްގީ ކުރުމަށް އޭރުގެ ސަރުކާރާއި ކުވައިތު ފަންޑާ ދެމެދު ވާހަކަތައް ދެކެވުނު ކަމަށާއި އަދި އެ މަޝްރޫއަށް ކުވައިތު ފަންޑުގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މިއަދު ސްޓެލްކޯގައި ކުރިޔަށްދިޔަ ރަސްމިއްޔާތުގައި ކުވައިތު ފަންޑުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ހިޝާމް އަލް-ވާގަޔާން ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ: އަހްމަދު އަފްރާހް

މިއަދުގެ ރަސްމިއްޔާތުގައި އެންވަޔަރްމެންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގް އިބްރާހިމް ވެސް ވާހަކަ ފުޅު ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ފުވައްމުލަކުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން ދެކެވެމުން އައި ވާހަކައެއް ކަމަށާއި އަދި މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް 2014 ވަނަ އަހަރު ވާހަކަތައް ދެކެވެން ފެށުނު ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުވައިތު ފަންޑުން އެ މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ފޯރުކޮށްދިން މާލީއެހީތެރިކަމުގެެ ސަބަބުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ގޮސްފި ކަމަށާއި ބާކީ އޮތީ އޯރިއޯ އިން ދޭ ހިލޭ ފަންޑްގެ ކަންތައްތައް ހަމަޖެއްސުމާއި އެ މަޝްރޫއުގެ ޓެންޑާ މަރުހަލާ ކަމަށް ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ދަށުން ފުވައްމުލަކު ގޮނޑުދޮށުން 2،650 މީޓަރުގެ ސަރަހައްދުގައި ރިވެޓްމެންޓް އަޅާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުންޏެވެ.

ކުވައިތު ފަންޑުން ފޯރުކޮށްދިން މާލީއެހީ އަކީ 1.5 ޕަސެންޓްގެ އިންޓެރެސްޓް ރޭޓުގައި ހަތަރު އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑާ އެކު 20 އަހަރު ދުވަހުން އަނބުރާ ދައްކާ ގޮތަށް ހަމަޖެހިފައިވާ ކޮންސެޝަނަލް ލޯނެއް ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް