ގާސިމް ކޯޓަށް ހާޒިރުކޮށް ދައުވާތަކާ ގުޅޭ ލިޔުންތައް ހަވާލުކޮށްފި

ގާސިމް އިބްރާހީމް: އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅޭ ލިޔުންތައް މިއަދު ވަނީ ހަވާލުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ގާސިމް ކުރިމިނަލް ކޯޓަށް ހާޒިރުކޮށް ލިޔެކިޔުންތައް ހަވާލުކޮށްފި އެވެ.

ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ ދައުވާ އާއި ވޯޓުދޭން ހުރި މީހަކަށް ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވަށް އުޅުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާ އެވެ.

މީގެ ކުރިންވެސް އެ ދައުވާ އުފުލާފައިވާއިރު، އެ މައްސަލައިގެ ފަސް އަޑުއެހުމެއް ބޭއްވި އެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ތާވަލު ކުރި ޝަރީއަތުގެ މަޖިލީހަށް ޕީޖީ އޮފީހުގެ ވަކީލުން ހާޒިރުނުވުމުން އެ މައްސަލަވަނީ ކޯޓުން ބޭރުކޮށްލާފަ އެވެ.

އެހެންނަމަވެސް ޕީޖީ އޮފީހުން ބުނެފައިވަނީ، މައްސަލަ އަނބުރާ ފޮނުވާލީ އަންގާރަ ދުވަހަށް ތާވަލްކޮށްދިނުމަށް އެދިފައި ވަނިކޮށް ކަމަށެވެ. އެ މައްސަލަ ޕީޖީ އޮފީހުން ކޯޓަށް އަލުން ހުށަހެޅީ އިއްޔެގެ ވަގުތެއްގަ އެވެ.

ގާސިމްގެ މައްޗަށް އެ ދައުވާތައް އުފުލާފައިވަނީ، މިއަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ނެގުމަށް ކުރިން ހަމަޖެހުނު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅުވައިގެން އޭގެ އެއްދުވަސް ކުރިން ޖުމްހުރީ ޕާޓީގެ އިދާރާ މާފަންނު ކުނޫޒުގައި ގާސިމް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކަމަށް ޕީޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

ގާސިމްގެ މައްސަލަ ކުރިން ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ކްރިިމިނަލް ކޯޓުގެ އިސް ގާޒީ ބާރީ ޔޫސުފް މިހާރު ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފަ އެވެ.

comment ކޮމެންޓް