ވޯލްޑް ބޭންކުގެ ބޮޑު އެހީގައި ގެންދާ މަސްވެރިކަމުގެ މަޝްރޫއު ފަށައިފި

މަސްވެރިންތަކެއް --- ސަން ފައިލް ފޮޓޯ

ވޯލްޑް ބޭންކްގެ 18 މިލިޔަން ޑޮލަރުގެ ބޮޑު ހިލޭ އެހީގެ ދަށުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ހިންގާ މަޝްރޫއު ރަސްމީކޮށް ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ސަރުކާރުން ހިންގަން ރާވާފައިވާ މަޝްރޫއު ދާނީ ދެ ފިޔަވައްސަކަށް ބެހިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހި، މިއަހރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ކުރިޔަށްދާ އިރު، ދެވަނަ ފިޔަވަހި 2018 އިން 2023 އާ ހަމައަށް ކުރިޔަށް ދާނެއެވެ. ވޯލްޑް ބޭންކުން މިހާރު ދީފައިވާ 18 މިލިޔަން ޑޮލަރާ އެކު ފުރަތަމަ ފިޔަވަހި ކުރިޔަށް ގެންދެވިއްޖެ ނަމަ، ދެވަނަ ފިޔަވަހި ހިންގުމަށް އިތުރު 7.7 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ޔަގީންކަން ވޯލްޑް ބޭންކުން ދީފައިވާ ކަމާސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓްގެ ދަސުން މަސްވެރިކަމުގެ ގާނޫނާއި ގަވައިދުތައް ރިވައިސްކުރުމާއި، މަސްވެރިކަން ރާވައި ހިންގުމުގެ ޕްލޭންތައް އެކުލަވާލައި، ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ކޮންޓްރޯލާއި ސާވޭލަންސް ނިޒާމު ގައިމުކުރުމާއި، މަސްވެރިންނަށް އަގުހެޔޮކޮށް ވެސެލް ލޮކޭޓިންގް ޑިވައިސްތައް ލިބޭނެ ގޮތް ހަމަޖެއްސުން ހިމެނެއެވެ.

މިނިސްޓްރީން ބުނީ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ހޯދުމަށްޓަކައި ހޯދަންޖެހޭ ބައިނަލްއަގުވާމީ ތަފާސު ހިސާބުތައް ފަސޭހަކަމާ އެކު ހުށަހެޅޭނެ މަގު، އާ ނިޒާމުން ފަހިވާނެ ކަމަށެވެ. އަދި އާ ނިޒާމުގެ ސަބަބުން މަސްވެރިން ކުރަންޖެހޭ ޚަރަދު އެތައް ގުނައެއް ކުޑަވެ، މަސްވެރިކަން އެންމެ ރަނގަޅު ސަރަހައްދުތަކުގެ މައުލޫމާތު، އެޕްލިކޭޝަނެއް މެދުވެރިކޮށް ހިލޭ ލިބޭނެ ކަމަށެވެ. މި މައުލޫމާތު މިހާރު މަސްވެރިންނަށް ދޫކުރަނީ ޗަންދާއެއް ދިނުމުން ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި، ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް، މަސްވެރިކަމަށް ނުކުންނަ ކޮންމެ 100 ދަތުރަކުން ފަސް ދަތުރެއްގައި އޮބްޒާވަރުން ތިބެންޖެހޭ ނަމަވެސް އެކަން ކުރުމަށް މީހުން ނުވެއެވެ. އެހެން ނަމަވެސް މި ޕްރޮޖެކްޓްގެ ދަށުން އުޅަނދުތަކުގައި 20 އިލެކްރޯނިކް އޮބްޒާވަރ ސިސްޓަމް ގާއިމުކުރާނެ ކަމަށެވެ.

"މިފަދަ މަސައްކަތްތަކުގެ ސބަބަުން ދިވެހިރާއްޖޭގައި ކުރެވެމުންދާ ކަޅުބިލަމަހުގެ މަސްވެރިކަމުން ބާނާ މަހަށް އެންމެ މަތީ ގިންތި "ގޯލްޑް ސެޓޭންޑަޑް" ލިބި، މަހުގެ އަގު ރަނގަޅުވެގެންދާނެ،" ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގައި މެރިކަލްޗަރ ވަކި ސިނާއަތެއްގެ ގޮތުގައި ހިންހުމަށްޓަކައި ލ. މަނިޔަފުށީގައިވާ މެރިކަލްޗަރ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ފެސިލިޓީ ތަރައްގީކޮށް، ޝައުގުވެރިވާ މީހުން ތަމްރީނުކޮށްދޭނެ ކަމަށެވެ. އަދި އޭގެ އިތުރުން އެންވެރިކަމާއި ފާނަ އާލާކުރުމަށް މަސައްކަތްކުރާ ފަރާތްތަކާށް ލުއި ލޯނު ފޯރުކޮށްދޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ހަމަ އެއާ އެކު، މެރިކަލްޗަރ ތަރައްގީކުރުމަށް މަލްޓި ސްޕީޝީސް ހެޗަރީއެއް ގާއިމުކޮށް، އެތަނުގައި ތަފާތު ބާވަތުގެ ޅާ ދިރުންތައް ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ފުރަތަމަ ދެ އަހަރު ފާނައާއި އެމުގެ ގޮތުގައި ބޭނުންކުރާ ބޭންގް އާލާކުރާނެ ކަމަށާާއި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުވެސް ކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް