ރާއްޖޭގެ މަސްވެރިކަމަށް ވޯލްޑް ބޭންކުން މިހާތަނަށް ދޭ އެންމެ ބޮޑު އެހީ ދެނީ!

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ -- ސަން ފައިލް ފޮޓޯ: ފަޔާޒް މޫސާ

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ވޯލްޑް ބޭންކުން މިހާތަނަށް ރާއްޖެއަށްދޭ ފައިސާގެ ވަރަށް ބޮޑު އެހީއެއް ދިނުމަށް ނިންމާފައިވާކަން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ހާމަކުރައްވައިފިއެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން އިއްޔެ ކުރިޔަށްދިޔަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން، ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވީ، ވޯލްޑް ބޭންކުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ތަރައްގީއަށް 18 މިލިޔަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"މިއީ ނިމިފައި އޮތް ކަމެއް. ދެން އޮތީ ޑޮކިއުމެންޓްގައި ސޮއިކުރުން. ވޯލްޑް ބޭންކުން މިހާތަނަށް ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށްދޭ އެންމެ ބޮޑު އެހީ ލިބޭނެކަން ކަށަވަރުވެއްޖެ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވީ، މިއ މިހާތަނަށް ވޯލްޑް ބޭންކުން ރާއްޖެއަށް ދޭ އެންމެ ބޮޑު އެހީކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިޔަށް ދަނީ ރަނގަޅު މިސްރާބެއްގައިކަން ހާމަކޮށްދޭ ހެއްކެކެވެ.

"މިއީ އަޅުގަނޑުމެންގެ މަސްވެރިކަމަށް ބައިނަލްއަގުވާމީ މުޖުތަމައު އިތުބާރުކުރާކަމުގެ ހެއްކެއް. އަދި ރާއްޖެއިން މި ދާއިރާގައި ކަން ކުރަމުންދަނީ ރަނގަޅަށް ކަމާއި، ރާއްޖޭގެ މަސްވެރިކަން ފުޅާކޮށް ތަރައްގީކުރުމަށް އަމިއްލަ ކުންފުނިތަކުންވެސް ރަނގަޅު ފިޔަވަޅުތަކެއް އަޅަމުންދާކަމުގެ ހެއްކެއް. މިއީ ހެޔޮ ނިޝާނެއް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާގައި ޕްރައިވެޓް ސެކްޓަރުގެ މަސައްކަތް މިހާރު އޮތީ ވަރަށް ފުޅާވެފައި ކަމަށާއި، ޕްރައިވެޓް ސެކްޓަރުގެ ބުރަ މަސައްކަތާ ނުލައި އެހީ ހޯދުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

"ޕްރައިވެޓް ސެކްޓަރު ނެތިއްޔާ، ވޯލްޑް ބޭންކް ފަދަ ތަންތަނަށް ސަރުކާރުން ގޮސް، ޕްރައިވެޓް ސެކްޓަރަށް ފަންޑިންގް ބޭނުންވާކަން ފަދަ ވާހަކަތައް ދައްކާލަން. އެކަމަކު މިހާރު ސަރުކާރަށް އެމީހުން ގާތަށް ގޮސް ޕްރައިވެޓް ސެކްޓަރުގެ މަސައްކަތްތައް ވެސް ދައްކައި ހެދޭ،" ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަސްވެރިންނަށް ލޯނު ހޯދުމަކީ މިއަދު ދަތިކަމެއް ކަމަށެވެ. ސަބަބެއް ކަމަށް މިނިސްޓަރ ވިދާޅުވީ، ލޯނެއް ނެގުމަށް ފިކްސްޑް އިންކަމެއް އޮންނަން ޖެހުމެވެ. އެހެން ނޫން ނަމަ ލޯނު ދޫކުރުމަކީ މާލީ އިދާރާތަކުން ކުރާ ކަމެއް ނޫނެވެ.

ޝައިނީ ވިދާޅުވީ މިސަބަބާ ހެދި، މަސްވެރިންނަށް ލޯނު ހޯދުމަށް ކޮލަޓެރަލްއެއް ދިނުމަކީ އުނދަގޫކަމެއް ކަމަށެވެ.

ވަކިވަކި މަސްވެރިންނަކީ ސިނާއަތުގައި މާ ފާހަގަކުރެވޭ ބަޔަކަށް ނުވި ނަމަވެސް، ފިޝަރީޒް މިނިސްޓަރު ވިދާޅުވީ ގިނަ ބަޔަކު އެއްވެގެން އިންވެސްޓްކޮށްފިނަމަ މުޅި ސިނާއަތް ބަދަލުކޮށްލައި، ތަރައްގީކުރެވޭނެ ކަމަށެވެ.

"މިކަން ކުރެވިދާނެ. އެކަމަކުވެސް އިންވެސްޓްކުރުމަށް އޮތް ހުރަހަކީ ފައިނޭންސް ނުލިބުން،" ޝައިނީ ވިދާޅުވިއެވެ.

comment ކޮމެންޓް