ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން އެ މެމްބަރަކު ވަކިވެއްޖެ ނަމަ، ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު ނަޝީދު އެ އުސޫލާ ދެކޮޅު ހައްދަވައި، ހުއްޖަތްތަކެއް ދައްކަވައިފި އެވެ.
މަޝްހޫރު ގާނޫނީ ވަކީލު، ނަޝީދު އެކަމާ ދެކޮޅު ހައްދަވައި ގާނޫނީ ނަޒަރިއްޔާއަކުން އެ މައްސަލައަށް ފާޑު ވިދާޅުވީ އޭނާގެ އަމިއްލަ ބްލޮގުގަ އެވެ.
ނަޝީދުގެ ބްލޮގުގައި އޭނާ ލިޔުއްވާފައި ވަނީ އިތުބާރު ނެތް ކަމުގެ ވޯޓެއްގެ ނޯޓިސް މެމްބަރުންނަށް ފޮނުވާފައި ވަނިކޮށް، މެމްބަރުންތަކެއްގެ ގޮނޑި ގެއްލޭނެ ހާލަތެއް އުފަން ނުކުރެވޭނެ ކަމަށެވެ.
ދައުރެއްގެ މެދުތެރެއިން، ވޯޓެއްގެ ނޯޓިސް ހިނގަހިނގާ އޮއްވައި، ކޯޓަކުން ނެރެން އެދޭ ޙުކުމަކުން، ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވައި މަޖިލިހަށް ފޮނުވާފައިވާ މެންބަރުންތަކެއްގެ ގޮނޑި ގެއްލޭ އާ ސަބަބެއް ނުވަތަ ޙާލަތެއް އުފަންކުރުވިދާނެ ކަމަކަށް ހަމައެއްގޮތަކަށް ވެސް ނުފެނޭ. މެމްބަރު މުހައްމަދު ނަޝީދު
ނަޝީދު ދެއްކެވި ހުއްޖަތުތައް:
- ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލުމަކީ ބަރުލަމާނީ ސިފައެއް
- އެގޮތަށް ގޮނޑި ގެއްލޭ ގޮތަށް ހެދޭނީ ގާނޫނު އަސާސީން
- މަޖިލީހުގެ މެޖޯރިޓީ ނެތުމަކީ، ވެރިކަން ވެއްޓެން ޖެހޭ ސަބަބެއް ނޫން
- އިންތިހާބު ކުރަނީ ޕާޓީ ތަމްސީލުކުރާކަށް ނޫން، ދާއިރާ ތަމްސީލު ކުރަން
- މެމްބަރު ޕާޓީ ބަދަލުކޮށްފި ނަމަ، ރިކޯލް ވޯޓަކަށް ދިއުން
ސިޔާސީ ޕާޓީގެ ޓިކެޓުގައި މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ކާމިޔާބު ކުރެއްވި މެމްބަރުން ޕާޓީ ބަދަލު ކުރާ ނަމަ، ނުވަތަ އެ ޕާޓީއަކުން ވަކިވެވަޑައިގެންފި ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލުވާލުމަކީ ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރާ ގައުމުތަކުގައި އަމަލު ކުރާ އުސޫލެއް ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. އެ އުސޫލަކީ "އެންޓި ޑިފެކްޝަން" ކަމަށާއި ބަރުލަމާނީ ނިޒާމަށް އަމަލުކުރާ ގައުމުތަކުން ވެސް، އެ އުސޫލު ދޫކޮށްލަން ފަށާފައިވާ ކަމަށް ނަޝީދުގެ ބްލޮގުގައި ލިޔުއްވާފައިވެ އެވެ.
"...ބަރުލަމާނީ ނިޒާމަށް އަމަލުކުރާ ގައުމުތަކުން ވެސް، މި އުސޫލު މިހާރު ދޫކޮށްލަން ފަށައިފި އެވެ. އެއީ، މި އުސޫލު ދެމެހެއްޓުމުން، މެންބަރުން ހިފަހައްޓަން ޖެހޭ ޕާޓީގެ ވިސްނުމާއި އެ މެންބަރުން ތަމްސީލުކުރާ އިންތިޚާބީ ދާއިރާތަކުގެ ވިސްނުމާ ދެމެދު ބޮޑު ތަފާތެއް އައުމެވެ. އަދި ޕާޓީގެ ވެރިން ނިންމާ ގޮތަކަށް ތަބާވެގެން ތިބެ ދައުރު ނިންމާލަންޖެހުމެވެ. މިކަމުން އުފެދޭ މައްސަލަތައް ގިނަވުމެވެ. މި އުސޫލަށް ޢަމަލުކުރުމަށް ފަހު، އެކަން ދޫކޮށްލި ގައުމުތަކުގެ ތެރޭގައި ސައުތު އެފްރިކާއާއި ނިއުޒިލެންޑް ހިމެނެ އެވެ،" މަޖިލީހުގެ އަމީންއާންމުގެ މަގާމާއި މައުމޫން ސަރުކާރުގައި ވަޒީރުކަން ކުރެއްވި ނަޝީދު ލިޔުއްވާފައިވެ އެވެ.
ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރާ ގައުމުތަކުގައި "އެންޓި ޑިފެކްޝަން"ގެ އުސޫލަށް އަމަލު ކުރާ ސަބަބުތައް ވެސް ނަޝީދު ލިޔުއްވާފައިވެ އެވެ. ބަރުލަމާނީ ނިޒާމުތަކުގައި ސަރުކާރު އުފެދެނީ، މަޖިލިހުގެ ތެރެއިން ކަމަށާއި ސަރުކާރު އެކުލަވާލާ އިރު މަޖިލިހުގެ ގޮނޑިތައް ހުރިގޮތަށް ބެހެއްޓުމަކީ، ސަރުކާރު ދެމިއޮތުމަށް ސީދާ މުހިންމު ކަމެއް ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ބަރުލަމާނީ ނިޒާމުތަކުގައި އެ އުސޫލަށް ތާއީދުކުރަނީ، ޕާޓީތަކުގެ ކޮންޓްރޯލްގެ ދަށަށް އެ ޕާޓީގެ މެންބަރުން ގެނައުމަށް ކަމަށާއި އެހެން ނޫން ނަމަ، ސަރުކާރު ވެއްޓިދާނެ ކަމުގެ ސީދާ އަދި ސާފު ބިރު ސަރުކާރަށް އޮންނާނެ ކަމަށެވެ.
ނަމަވެސް ރާއްޖެ ބަލައިގެންފައިވާ ރިޔާސީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ މެމްބަރުން އިންތިހާބު ކުރަނީ ދެ އިންތިހާބަކުން ކަމަށާއި "އެކަކު ދެމިހުރުމަށް ޓަކައި އަނެކަކު ދެމިހުރުން ލާޒިމެއް ނޫން" ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ރިޔާސީ ނިޒާމުގައި ވެރިކަން ކުރާ ޕާޓީއަށް މަޖިލިހުގެ މެޖޯރިޓީ ލިބުމަކީ ނަސީބެއް ކަމަށާއި ނަމަވެސް "ރައީސަށް މަޖިލިހުގެ މެޖޯރިޓީ އޮތުން ލާޒިމު ނޫން" ކަމަށެވެ.
"...ރައީސަށް މަޖިލިހުގެ މެޖޯރިޓީ އޮތުމަކީ، ލާޒިމުކަމެއް ނޫނެވެ. އަދި، މެޖޯރިޓީ ނެތުމަކީ، ވެރިކަން ވެއްޓެން ޖެހޭ ސަބަބެއް ވެސް ނޫނެވެ. އެމެރިކާގެ ނިމިދިޔަ އޮބާމާގެ ވެރިކަމުގެ ދެ ދައުރުގައި ވެސް، އޮބާމާއަށް ކޮންގްރެސްގެ މެޖޯރިޓީއޮތީ، ކިހާވަރަކަށްތޯ އެވެ؟،" ނަޝީދުގެ ބްލޮގުގައިވެ ލިޔުއްވާފައިވެ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި "އެންޓި ޑިފެކްޝަން"ގެ އުސޫލަށް އަމަލު ކުރެވޭނީ ޤާނޫނު އަސާސީގައި އެކަން ކުރެވޭނެ ގޮތް ބަޔާކޮށްގެން ކަމަށެވެ. އަދި އެއީ އެކަން ކުރެވޭނެ ހަމައެކަނި ގޮތް ކަމަށެވެ.
މަޖިލިހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ހަތަރު ޙާލަތެއް ކަނޑައެޅިގެން ބަޔާންކޮށްފައިވަނިކޮށް، އޭގެތެރެއަށް އެހެން ޙާލަތެއް، ގާނޫނު އަސާސީއަށް ބަދަލެއް ނުގެނެސް، އިތުރުކުރެވިދާނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ނަޝީދު ވިދާޅުވީ އެންޓި ޑިފެކްޝަން އުސޫލަށް އަމަލު ކުރާ ނަމަ، ގާނޫނު އަސާސީ އިސްލާހު ކުރުމަށް ފަހު، އެ އިސްލާހަށް ދެން އަންނަ އިންތިޚާބަކުން ހިނގާ ގޮތަށް ހެދިނާނެ ކަމަށެވެ.
"...ދައުރުގެ ތެރޭގައި ގޮނޑި ބަދަލުކޮށްފި ނަމަ، އޭނާގެ އިންތިޚާބީ ހައިސިއްޔަތު ދައުރުގެ ބާކީއޮތް މުއްދަތަށް ދަމަހައްޓަން ފެނޭތޯ އޭނާގެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. ރިކޯލް ވޯޓެއްގެ ފުރުޞަތު ރައްޔިތުންނަށް ދިނުމެވެ. އެނޫން ގޮތަކަށް މިކަން ކުރެވޭނެ ކަމަކަށް ނުފެނެއެވެ،" ނަޝީދުގެ ބްލޮގުގައި ވިދާޅުވެފައިވެ އެވެ.
މެޗު ކުޅެމުންދަނިކޮށް ގަވާއިދު ބަދަލުކުރުމަކީ ކުރެވިދާނެ ކަމަކަށް އަމުދުން ނުދެކެން މެމްބަރު ނަޝީދު