ސްޓެލްކޯއިން ތަފާތުބޮޑުކޮށް އެމްއެންޔޫ ބަލިކުރިއިރު އެމްޕީއެލް އަތުން ސިފައިން ސަލާމަތްވީ ކިރިޔާ

އެފްއޭއެމް ވިމެން ފުޓްސަލް ޗެލެންޖްގެ ތެރެއިން--ސަން ފޮޓޯ/ ސަމާހް

މިހާރު ކުރިއަށްދާ އެފްއޭއެމް އަންހެނުންގެ ފުޓްސަލް މުބާރާތުގައި މިރޭ ކުޅުނު މެޗުތަކުން އެމްޕީއެލް އަތުން ދިވެހި ސިފައިންގެ ކުލަބު މޮޅުވިއިރު ސްޓެލްކޯއިން އެމްއެންޔޫ ބޮޑު ތަފާތަކުން ބަލިކޮށްފިއެވެ.

މިރޭ ކުރިއަށްދިޔަ ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކުލަބުން އެމްޕީއެލްގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ދެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ މޮޅު ކުޅުންތެރިޔަކީ ސިފައިންގެ ޓީމުގެ ކީޕަރު ޝާއިގާ ހުސެއިންއެވެ.

ދެވަނަ މެޗަށް ބަލާއިރު މުބާރަތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްޓެލްކޯއިން ވަނީ 16 ލަނޑު އެމްއެންޔޫ ކޮޅަށް ޖަހައިފައެވެ. މުޅިން އަލަށް ފުޓްސަލް މުބާރާތެއްގައި ވާދަކުރާ އެމްއެންޔޫއަށް މިރޭގެ މެޗުގައިވެސް ލަނޑެއް ޖެހިފައެއް ނުވެއެވެ.

އެމްއެންޔޫ އަދި ސްޓެލްކޯ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިއަކީ އެ ޓީމުގެ ޒުވާން ކުޅުންތެރިއާ ފާތިމަތު ތީބާއެވެ.

މުޅިން އަލަށް އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އަންހެނުންގެ ފުޓްސަލް މުބާރަތުގައި ނުވަ ޓީމު ވަނީ ބައިވެރިވެފައެވެ.

ޖުލައި ނުވައަކުން ވިއްސަށް ކުރިއަށްދާ މުބާރަތުގައި ބައިވެރިވި ޓީމްތައް ދެ ގުރޫޕަކަށް ބަހާލާފައިވާއިރު ގުރޫޕް އެކެއްގައި ފަސްޓީމެއް ވާދަކުރާނެއެވެ. ގްރޫޕް 2ގައި 4 ޓީމެއް ވާދަކުރާނެއެވެ.

ގްރޫޕް އެކަކަށް ބަލާއިރު އެ ގްރޫޕްގައި ހިމެނިފައި ވަނީ ވަރުގަދަ ޓީމު ތަކެކެވެ. މުޅި ރާއްޖޭގައި އެންމެ ފޯރިއާއެކު ކުރިއަށްދާ ކްލަބް މޯލްޑިވްސް ވިމެންސް ފުޓްސަލް ފިއެސްޓާގައި އެންމެ ކާމިޔާބު ތިން ކުލަބު ވަނީ ހިމެނިފައެވެ.

ކްލަބް މޯލްޑިވްސް ވިމެން ފުޓްސަލް ފިއެސްޓާގެ މި އަހަރުގެ ރަނަރަޕް ދިވެހި ސިފައިންގެ ކުލަބާ، އެ މުބާރަތުގައި އެންމެ ރަނަގަޅު ކުޅުމެއް ފެނިގެންދިޔަ އެމްޕީއެލް އަދި ޕޮލިސް ކުލަބް ގުރޫޕް 1ގައި ހިމެނޭއިރު މި ތިން ޓީމަކީވެސް އަންހެން ފުޓްސަލްގައި ވަރުގަދަ ތިން ޓީމެއްވެ. އެ ތިން ޓީމުގެ އިތުރުން ދެން އެ ގުރޫޕްގައި ހިމެނެނީ ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަދި އެމްއެންޔޫ އެސްސީއެވެ.

ގުރޫޕް ދޭއްގައި ހިމެނެނީ ޒެނިތު ސްޕޯޓްސް ކުލަބް، އިކުއަޓޯރިއަލް، ޓީރެކްސް ސްޕޯޓްސް އެކަޑަމީ އަދި އަވަ އެފްޓީއެވެ.

އެހެން މުބާރަތްތަކާ ހިލާފަށް އެފްއޭއެމުން އިންތިޒާމް ކުރާ ފުރަތަމަ އަންހެން ފުޓްސަލް މުބާރަތުގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެ އެވެ. އަދި ބިދޭސީ އެއްވެސް ކުޅުންތެރިއަކަށް ވެސް އެ މުބާރާތުގައި ނުކުޅެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.

އަންހެން ފުޓްސަލް ކުރިއަރުވަން، ފުޓްސަލް ކުޅޭ އަންހެނުންނަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އެފްއޭއެމުން އަންހެން ފުޓްސަލް މުބާރާތެއް ފަށާފައި ވާއިރު ފުޓްސަލް ކުޅޭ ފިރިހެނުންނަށް ހާއްސަކޮށްގެން މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

comment ކޮމެންޓް